ސްޓެލްކޯ ހުންނަ ދޮންއަދަރާދަ މަގު ރޯދައިގެ ކުރިން ހުޅުވުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ، ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަހުމީ ވިދާޅުވީ އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އެ މަގުގެ މަސައްކަތް ނިންމާ މަގު ހުޅުވުމަށެވެ. ފަހުމީ ވިދާޅުވީ އެ މަގު ހުޅުވުމުން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި އޭގެ ސީދާ ފަސޭހަތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހަގީގީ މާނައިގައި ލިބެމުންދާނެ ކަމަށެވެ.
ފަހުމީ އިތުރަށް ވިދާޅުވީ އަބަދުވެސް ސްޓެލްކޯ ދެމި އޮންނާނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށާއި ސްޓެލްކޯ އަކީ ރައްޔިތުންނަށްޓަކާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި މި މަގު އާންމުންނަށް ހުޅުވާލުމަކީވެސް އަސާސީ ކަމެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ.އަލީ އަޒުވަރު ވިދާޅުވީ މި މަސައްކަތަކީ ބުރަ މަސައްކަތެއް ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުންދީ، މާލޭގެ ރައްޔިތުންނަށްޓަކާ މިކަން ކުރަން ޖެހޭ ކަމަށެވެ.
ދޮންއަދަރާދަ މަގާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ނާޒިރު ވިދާޅުވީ ކޮންމެހެން ބަންދު ކުރަން ޖެހިގެން އޭރު އެ މަގު ބަންދު ކުރި ނަމަވެސް، މިހާރު އެ ރިކުއަރމަންޓް ނެތިގޮސްފައިވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރުން ފެށިގެންވެސް މި މަގު ހުޅުވުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެއްވި ކަމަށެވެ. އެގޮތުން މި މަގު ހުޅުވިގެން ދިއުމަކީ މާލޭގެ ވަރަށް ގިނަ ރައްޔިތުންނަށް ހިތްހަމަޖެހުން ލިއްބައިދޭނެ ކަމެއް ކަމަށް ނާޒިރު ވިދާޅުވިއެވެ.
މާލޭގައި ކަރަންޓަށް އޮންނަ ބޮޑު ޑީމާންޑަށް ކޭޓާކުރުމަށްޓަކައި އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތު ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވުމުން އެކަމަށްޓަކައި ހައްލެއް ހޯދުމަށް ސްޓެލްކޯގެ ކޮމްޕައުންޓާއި އިންވެގެން އޮތް ދޮންއަދަރާދަ މަގު ބަންދުކޮށް، އެ މަގަށް ވާގޮތަށް އިންޖީނުގެއެއް އެޅީ 2010 ވަނަ އަހަރުއެވެ.
ސްޓެލްކޯގެ ހުޅުމާލެ އިންޖީނުގެއާއި މާލެ އިންޖީނުގޭގެ އިންޓަކަނެކްޝަން ގުޅާލައި، ހުޅުމާލެއިން ކަރަންޓު އިމްޕޯޓުކުރަން ފެށުމާއެކު މާލޭގެ ދޮންއަދަރާދަ މަގަށްވާގޮތަށް އަޅާފައިވާ އިންޖީނުގޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރު ސެޓުތައް ބޭނުން ކުރުން ވަނީ ހުއްޓާލާފައެވެ. އެ ޖަނަރޭޓަރުތައް މިހާރު ވަނީ ގްރޭޓާ މާލޭގެ ބެކަޕުގެ ގޮތުގައި ހުޅުމާލެ ބައު އިންޖީނުގެއަށް ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް