ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ޒަކާތު ހައުސް" އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އެ އިދާރާ ހިންގަމުން ދާނީ މިނިސްޓ...

18 Dec 2023 | 11:21

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އެ އިދާރާ ހިންގަމުން ދާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ކަމަށެވެ. މިކަން އިޢުލާނުކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 18/2023 ނަންބަރު ދެންނެވުމުގައެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އެވެ. ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޒަކާތު ހައުސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ 496 ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް