މުބާރާތުގެ ކުރިން:
އާޖެންޓީނާ މުބާރާތާ ކުރިމަތިލީ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ 2 ގައުމުގެ ތެރޭގައި ހިމެނިގެންނެވެ. ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ އާޖެންޓީނާ ޓީމު މުބާރާތާ ކުރިމަތިލިއިރު، މެސީގެ ފަހު ވޯލްޑް ކަޕް ކަމުގައި ވުމުން، ތަށި ހޯދުމަށް އޮތް ރޫހު ވަރަށް ރަނގަޅެވެ. މީގެ އިތުރުން އެ ގައުމު މުބާރާތާ ކުރިމަތިލީ، މުބާރާތުގެ ކުރިން ކުޅުނު 5 މެޗުން ވެސް މޮޅު ވެގެންނެވެ. އޭގެ ތެރޭގައި ޔޫރަޕްގެ ޗެމްޕިއަނުންނާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވުނު މެޗުން އިޓަލީގެ މައްޗަށް 3-0 އިން ހޯދި ބޮޑު ކާމިޔާބީ ވެސް ހިމެނެއެވެ.
ގްރޫޕް މަރުހަލާ:
އާޖެންޓީނާއަށް ގްރޫޕް މަރުހަލާގެ ފެށުން ދިޔައީ ހީކުރި ގޮތާ ޚިލާފަށް ވަރަށް އުނދަގޫ ކޮށެވެ. ސައޫދީ އަރަބިއާ އަތުން 2-1 ގެ ނަތީޖާއިން ބަލިވީއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚްގައި ވެސް ފެނުނު އެންމެ ހައިރާން ކުރަނިވި އެއް ނަތީޖާއެވެ. ފެށުން ގޯސްކޮށް ދިޔަ ނަމަވެސް، އާޖެންޓީނާއިން އެނބުރި އައީ ވަރުގަދަކޮށެވެ. މެކްސިކޯގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދިއިރު، ޕޮލެންޑް ވެސް ބަލިކުރީ ހަމަ އެ ނަތީޖާއިންނެވެ. ގްރޫޕް މަރުހަލާ ނިންމާލީ ގްރޫޕް ސީ ގެ 1 ވަނަ ހޯދައިގެންނެވެ.
ފައިނަލަށް ކުރި ދަތުރު:
ރައުންޑް އޮފް 16 ގެ މެޗުން އާޖެންޓީނާއިން އޮސްޓްރޭލިއާގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއިންނެވެ. ފަރަގު ކުޑަ ނަމަވެސް، އެ މެޗުގައި އާޖެންޓީނާއިން ވަރަށް މޮޅަށް ކުޅުނެވެ. އާޖެންޓީނާއަށް ކުއާޓާ ފައިނަލްގައި ޖެހުނީ އެހާ ހިސާބަށް އައި އެންމެ ވަރުގަދަ އެއް ޓީމާއެވެ. އެހެނަސް، މެޗު ފަށައިގެން މޮޅަށް ކުޅެ ނެދަލެންޑްސްގެ މައްޗަށް އާޖެންޓީނާއިން 2 ލަނޑުގެ ލީޑެއް ހޯދިއެވެ. އާޖެންޓީނާއަށް ހާސްކަން ކުރިމަތިވީ ނެދަލެންޑްސް އިން ފަހު ވަގުތު 2 ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރުމުންނެވެ. އެ ނަތީޖާގައި އޮވެ، އެކްސްޓްރާ ޓައިމް ވެސް ނިމުނުއިރު، ޕެނަލްޓީއިން އާޖެންޓީނާ މޮޅުވީއެވެ. ސެމީ ފައިނަލްގައި އާޖެންޓީނާއަށް އަނެއްކާ ވެސް ލައްވާލީ ވަރުގަދަ ޓީމެކެވެ. އެހެނަސް، ކްރޮއޭޝިއާގެ މައްޗަށް އެ ގައުމުން މޮޅެއް ހޯދީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކާ އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް