ފީފާ ވޯލްޑް ކަޕް 2022: ފްރާންސް ފައިނަލަށް ކުރި ދަތުރު

މުބާރާތުގެ ކުރިން: ފުޓްބޯޅަ އެނަލިސްޓުންނާއި ގިނަ ޕަންޑިތުން، މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ލިސްޓުގައި ފްރާންސްގެ ނަން، މުބާރާތް ފެށުމުގެ ކުރިން ވެސް ހިމެނިއެވެ. އެހެނަސް، އަނެއް ބަޔަކު ޔޫރަޕ...

18 Dec 2022 | 13:05

މުބާރާތުގެ ކުރިން:

ފުޓްބޯޅަ އެނަލިސްޓުންނާއި ގިނަ ޕަންޑިތުން، މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ލިސްޓުގައި ފްރާންސްގެ ނަން، މުބާރާތް ފެށުމުގެ ކުރިން ވެސް ހިމެނިއެވެ. އެހެނަސް، އަނެއް ބަޔަކު ޔޫރަޕުން އެންމެ ފުރުސަތު ބޮޑުކަމަށް ނިންމީ އިންގްލެންޑާއި ޖަރުމަނަށެވެ. ގިނަ ބައެއްގެ ފެވަރިޓުންނަށް ވީ އާޖެންޓީނާ އާއި ބްރެޒިލްއެވެ.

މުބާރާތް ފެށުމުގެ ކުރިން ފްރާންސްގެ ނަތީޖާތައް ގޯސްވުމުން އެ ޓީމާމެދު ކުރެވުނު އުންމީދުތައް ފަނޑުވިއެވެ. މުބާރާތް ފެށުމުގެ ކުރިން ކުޅުނު 7 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. 2 މެޗުން އެއްވަރުވިއިރު، އަނެއް 3 މެޗުން ބަލިވީއެވެ.

އަނެއްކޮޅުން މުބާރާތާ ކުރިމަތިލާން ޖެހުނީ އެންމެ ފަހުން ތަށި ހޯދައިދިން ޓީމުގައި ހިމެނުނު އެންގޯލޯ ކާންޓޭ އާއި ޕޮގްބާ ވެސް ނުލައެވެ. މީގެ އިތުރުން ހަމަ އަނިޔާގެ ސަބަބުން، ބެލަންޑޯ ހޯދި ބެންޒެމާ ވެސް ފަހު ވަގުތު ޓީމާ ވަކިވާން ޖެހުނީއެވެ.

ގްރޫޕް މަރުހަލާ:

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މުބާރާތް ފެށީ ވަރުގަދަކޮށެވެ. އޮސްޓްރޭލިއާ ބަލިކޮށްލީ 4-0 ގެ ނަތީޖާއިންނެވެ. އޭގެ ފަހުން 2-1 ގެ ނަތީޖާއިން ޑެންމާކް ބަލިކޮށް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކުރިއެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް، ގިނަ ބަދަލުތަކާއެކު ފްރާންސުން ކުރިމަތިލިއިރު، ޓިއުނީޝިއާއިން 1-0 ގެ ނަތީޖާއިން ފްރާންސް ބަލިކުރީއެވެ. އެހެނަސް، ފްރާންސް ގްރޫޕް މަރުހަލާ ނިންމާލީ ގްރޫޕްގެ އެއް ވަނައިގައެވެ.

ފައިނަލަށް ކުރި ދަތުރު:

ރައުންޑް އޮފް 16 ގެ މެޗު ފްރާންސުން ފަސޭހަކަމާއެކު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއިންނެވެ. ޕޮލެންޑާ ދެކޮޅަށް ކުޅުނު އެ މެޗު ފަސޭހަވާނެކަމަށް ކުރިން ވެސް ބެލެވުނަސް، ކުއާޓާ ފައިނަލްގައި އިންގްލެންޑާ ޖެހުމުން، ފްރާންސަށް ކުރިޔަށް ދެވިދާނެތޯ ސުވާލު އުފެދުނެވެ. އިންގްލެންޑުން މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައި ވިޔަސް، ކުއާޓާ ފައިނަލްގައި ވާދަވެރި ކުޅުމަކަށްފަހު، 2-1 ގެ ނަތީޖާއިން ހޯދި ހަނި މޮޅާއެކު، ފްރާންސް ސެމީ ފައިނަލަށް ދަތުރުކުރިއެވެ. ސެމީ ފައިނަލްގައި ފްރާންސަށް ކުރިމަތިލާން ޖެހުނީ މޮރޮކޯއާއެވެ. ވަރުގަދަ ޑިފެންސިވް ރެކޯޑަކާއެކު ސެމީއާ ހަމައަށް އައި މޮރޮކޯއާ ދެކޮޅަށް ފްރާންސުން ދެއްކީ މޮޅު ކުޅުމެކެވެ. 2-0 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށް، ޖެހިޖެހިގެން 2 ވަނަ މުބާރާތުގެ ފައިނަލްގެ ޖާގަ ކަށަވަރުކުރީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް