ގުޅީފަޅުގައި އަލިފާނުގެ ހާދިސާ ހިނގި ސައިޓުގެ ތެރެއިން އިންސާނެއްގެ ކަށިތައް ކަމަށް ބެލެވޭ އެއްޗެހި ތަކެއް ފެނިއްޖެ އެވެ.
އަލިފާނުގެ ހާދިސާ ހިނގީ ގުޅީފަޅުގައި ހުންނަ ތިލަމާލޭ ބްރިޖް އަޅާ އެފްކޮންސްގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްގައި އެވެ. މިހާދިސާގައި އެކިވަރުގެ އަނިޔާވެގެން78 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ.
ހާދިސާއަށް ފަހު އެފްކޮންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުވައްޒަފުންގެ އަދަދު ގުނައި ބެލި އިރު އެއް މުވައްޒަފަކު މަދު ކަމަށެވެ. އެކަން ސިފައިންނާއި ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ބުނެފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ކުންފުނިން މުވައްޒަފަކު މަދުވާ ކަމަށް ކުރި ރިޕޯޓާއި ގުޅިގެން ބަލާ ފާސް ކުރަމުން ދަނިކޮށް އަލިފާން ރޯވި ސައިޓުން އިންސާނެއްގެ ކަށިތަކެއް ފަދަ އެއްޗެހިތަކެއް ފެނިފައިވާ ކަމަށެވެ.
އެ ކަށިތަކަކީ އިންސާނެއްގެ ބައިތޯ ބެލުމަށް ތަހުލީލުތައް ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާގައި މުވައްޒަފުންގެ ތެރެއިން ހަތަރު މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައި އެވެ. އެމީހުންގެ އޮޕަރޭޝަން ކޮށްފައިވާ ކަމަށް އެފްކޮންސްއިން މައުލޫމާތުދެ އެވެ.
އަދި ހާލުގައި ޖެހުނު ހުރިހާ މުވައްޒަފުންނަށް ވަގުތީ ބޯހިޔާވަހިކަމާއި އަންނައުނާއި ފައިސާ އަދި ފޯނުގެ އިތުރުން ފޮށިވެސް ހޯދައިދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް