އެޗްޑީސީން މަމްސް އެންޖީއޯއަށް ހިޔާ ފުލެޓުގެ ޔުނިޓެއް ހިލޭ ދެނީ

އެޗްޑީސީގެ ފަރާތުން މަމްސް އެންޖީއޯއަށް ހިޔާ ފުލެޓުގެ ޔުނިޓެއް ހިލޭ ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެޗްޑީސީން ބުނީ މިއީ، އެޗްޑީސީގެ ސީއެސްއާރް އިނީޝިއޭޓިވްގެ ދަށުން އޮފީސް ސްޕޭސްއެއްގެ ގޮތު...

18 Dec 2022 | 12:33

އެޗްޑީސީގެ ފަރާތުން މަމްސް އެންޖީއޯއަށް ހިޔާ ފުލެޓުގެ ޔުނިޓެއް ހިލޭ ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެޗްޑީސީން ބުނީ މިއީ، އެޗްޑީސީގެ ސީއެސްއާރް އިނީޝިއޭޓިވްގެ ދަށުން އޮފީސް ސްޕޭސްއެއްގެ ގޮތުގައި، މަމްސް އެންޖީއޯއަށް ޑޮނޭޝަންގެ ގޮތުގައި ހަދިޔާ ކުރެވިފައިވާ ސާމާނުތަކާއި އަދި އެހެނިހެން ތަކެތި ސްޓޯކުރުމަށް ހާއްސަކޮށް ދީފައިވާ ޔުނިޓެއް ކަމަށެވެ. އަދި މި ޔުނިޓު ހުންނާނީ H8 ވަނަ ޓަވަރުގައި ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީއާއި މަމްސް އެންޖީއޯއާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި މިއަދު ސޮއި ކޮށްފައިވާއި ވެ އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި މަމްސް އެންޖީއޯގެ ފަރާތުން ސޮއިކުރެއްވީ ކޯ-ފައުންޑަރ ސިތްރާ މުހައްމަދެވެ.

މީގެއިތުރުން، މަމްސް އެންޖީއޯ އިން ހިޔާ ފުލެޓުގައި ދިރިއުޅެމުންދާ އަންހެން ފަރާތްތަކާއި ގުޅުން ބަދަހިކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހާ އެޗްޑީސީއާއިއެކު ވަކި ކެމްޕެއިނެއްގެ ދަށުން އެހީތެރިވުމަށްވެސް އެއްބަސްވެފައިވެއެވެ.

އަދި މަމްސް އެންޖީއޯއަށް "ހޯޕް ފޮ މަމްސް" ކެމްޕެއިންގެ ދަށުން ލިބިފައިވާ ކޮންސްޓްރަކްޝަން ސާމާނުތައް ބެހެއްޓުމަށް އެޗްޑީސީގެ ވެއަރހައުސް ސްޕޭސްއެއް ކަނޑައަޅާދިނުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އަދި މި ކެމްޕެއިންގެ ދަށުން އެޗްޑީސީގެ ޑިޒައިން ޓީމުން ގެތައް އެޅުމުގެ ޑިޒައިން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ އެއްބަސްވެފައި ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބެނުންވެފައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯ އެކެވެ. ’މަމްސް އެންޖީއޯ' ގެ މައިގަނޑު މަޤްޞަދަކީ ދިވެހި މަންމައިން ބާރުވެރިކުރުވުމެވެ. މިއީ މީސްމީޑިއާ ފޭސްބްކްގައި ’މަމްސް އެމްވީ‘ ގެ ނަމުގައި މަންމައިން އިސްވެ ހިންގާ ހަރަކާތެއްވެސް މެއެވެ. މި ގްރޫޕްގައި 39 ހާހަށްވުރެން ގިނަ މައިން ހަރަކާތްތެރިވެއެވެ.

މިގޮތުން، ހާލުގައި ޖެހިފައިވާ އެކަނިވެރި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ، އަންހެނުން ވަކިން ޙާއްސަކޮށް އެކަނިވެރި މައިން މުޖްތަމަޢުގައި ބާރުވެރި ކުރުމަށް އެކި ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ ޖަމިއްޔާއެކެވެ. މިގޮތުން، ބެކް ޓު ސްކޫލް، މަމްސް އެކްސްޕޯ ފަދަ ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން ގަބޫލުކުރާގޮތުގައި މި އެއްބަސްވުމުގެ ދަށުން ބޭނުންޖެހިފައިވާ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވި މިކަމުގެ ސަބަބުން ހެޔޮބަދަލެއް މުޖުތަމަޢުގެ ތެރޭގައި ފެނިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް