ފީފާ ވޯލްޑް ކަޕް 2022: ލޮރިސް ވޯލްޑްކަޕްގެ ޚާއްސަ ރެކޯޑަކާ ދިމާލަށް

ތަފާސް ހިސާބަށް ބަލައި، ވޯލްޑް ކަޕްގެ ތާރީޚް ދުށް އެންމެ ކާމިޔާބު ގޯލްކީޕަރުގެ ރެކޯޑް ގާއިމްކުރުމަށް، ފްރާންސްގެ ގޯލްކީޕަރ ހޫގޯ ލޮރިސްއަށް މި ވަގުތަށް އޮތް ހަމައެކަނި ހުރަހަކީ އާޖެންޓީނާ އެވެ. މިރޭ ކު...

18 Dec 2022 | 11:46

ތަފާސް ހިސާބަށް ބަލައި، ވޯލްޑް ކަޕްގެ ތާރީޚް ދުށް އެންމެ ކާމިޔާބު ގޯލްކީޕަރުގެ ރެކޯޑް ގާއިމްކުރުމަށް، ފްރާންސްގެ ގޯލްކީޕަރ ހޫގޯ ލޮރިސްއަށް މި ވަގުތަށް އޮތް ހަމައެކަނި ހުރަހަކީ އާޖެންޓީނާ އެވެ.

މިރޭ ކުޅޭ ފައިނަލް މެޗުން ފްރާންސް މޮޅު ވެއްޖެނަމަ، ލޮރިސް ވެގެންދާނީ، ވޯލްޑް ކަޕްގެ ތާރީޚްގައި ވެސް، ފައިނަލް މެޗުގެ ލައިން އަޕްގައި ހިމެނި، ވޯލްޑް ކަޕްގެ 2 ތަށި އުފުލާލާ، 2 ވަނަ ގޯލްކީޕަރަށެވެ. މީގެ ކުރިން މި ޝަރަފު އޮތް ހަމައެކަނި ގޯލްކީޕަރަކީ ބްރެޒިލްގެ ގިލްމާ ޑޮސް ސަންޓޯސް އެވެ. އޭނާ ފުރަތަމަ 11 ގައި ހިމެނިގެން ބްރެޒިލް ތަށި ނެގީ 1958 އަދި 1962 ގައެވެ.

މީގެ އިތުރުން، ހޫގޯ ލޮރިސްއަށް އޮތް ޚާއްސަކަމަކީ، މިރޭގެ މެޗުން ފްރާންސް މޮޅުވެއްޖެނަމަ، އޭނާ ވެގެންދާނީ ވޯލްޑް ކަޕްގެ ތާރީޚްގައި ވެސް، ކެޕްޓަން ބޭންޑް އަޅައިގެން 2 ފަހަރަށް ތަށި އުފުލާލާ ހަމައެކަނި ގޯލްކީޕަރަށެވެ.

އާޖެންޓީނާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި، ލޮރިސް ކުޅެ، ކޮންމެ ނަތީޖާއެއް ނުކުތަސް އޭނާއަށް ގާއިމްކުރެވޭނެ އިތުރު ރެކޯޑެއް ވެސް އެބައޮތެވެ. އެއީ ވޯލްޑް ކަޕްގެ ތާރީޚްގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅުނު ގޯލްކީޕަރުގެ މަގާމެވެ. މިހާތަނަށް މެނުއަލް ނޯޔާ އާއި ލޮރިސް ވެސް ކުޅެފައިވަނީ 19 މެޗެވެ. މިރޭގެ މެޗާއެކު ލޮރިސްއަށް 20 ވަނަ މެޗު ހަމަވާނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް މެޗާއެކު، 142 ހަމަކޮށް، ލޮރިސް ވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައެވެ. މިހާތަނަށް ލޮރިސް ކުޅުނު 144 މެޗުން ބައިކޮޅަށް ވަދެފައިވަނީ 117 ލަނޑެވެ. 63 މެޗެއްގައި، ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައިވެއެވެ.

ފުރަތަމަ 11 ގައި ހިމެނިގެން މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބުކުރެވުނު ގޯލްކީޕަރުން:

އެންރިކް ބަލެސްޓެރޯސް (އުރުގުއޭ/1930)

ޖިއަންޕިއެރޯ ކޮމްބީ (އިޓަލީ/1934)

އަލްޑޯ އޮލިވިއޭރީ (އިޓަލީ/1938)

މަސްޕޮލީ (އުރުގުއޭ/1950)

ޓޯނީ ޓުރެކް (ޖާމަނީ/1954)

ޖިލްމާ ޑޮސް ސަންޓޯސް (ބްރެޒިލް/1958،1962)

ޖޯޑަން ބޭންކްސް (އިންގްލެންޑް/1966)

ފީލިކްސް މިއެލީ ވެނަރާންޑޯ (ބްރެޒިލް/1970)

ސެޕް މޭޔާ (ޖާމަނީ/1974)

ޕަޓޯ ފިލޯލް (އާޖެންޓީނާ/1978)

ޑީނޯ ޒޮފް (އިޓަލީ/1982)

ނެރީ ޕަމްޕިޑޯ (އާޖެންޓީނާ/1986)

ބޯޑޯ އިލްގްނާ (ޖާމަނީ/1990)

ކްލައުޑިއޯ ޓަފަރޭލް (ބްރެޒިލް/1994)

ފަބިއެން ބާތޭޒް (ފްރާންސް/1998)

މާކޮސް (ބްރެޒިލް/2002)

ޖިއަންލުއިޖީ ބުފަން (އިޓަލީ/2006)

އީކާ ކަސިޔަސް (ސްޕެއިން/2010)

މެނުއެލް ނޯޔާ (ޖާމަނީ/2014)

ހޫގޯ ލޮރިސް (ފްރާންސް/2018)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް