ނިޝާމާގެ ހަށިގަނޑަށް އިތުރަށް އަނިޔާނުކޮށް ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް އިޔާޒް ގޮވާލައްވައިފި

މި މަހުގެ ދިހަ ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ހދ. ނޮޅިވަރަމަށް އުފަން އެ ރަށު ހިތަށްފިނިވާގެ، ނިޝާމާ މުހައްމަދު 28އ ގެ ހަށިގަނޑަށް އިތުރު އަނިޔާއެއް ނުދީ ޖަނާޒާގެ ކަންތައް ނިންމަވައި ދެއްވުމަށް ...

18 Dec 2022 | 10:22

މި މަހުގެ ދިހަ ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ހދ. ނޮޅިވަރަމަށް އުފަން އެ ރަށު ހިތަށްފިނިވާގެ، ނިޝާމާ މުހައްމަދު 28އ ގެ ހަށިގަނޑަށް އިތުރު އަނިޔާއެއް ނުދީ ޖަނާޒާގެ ކަންތައް ނިންމަވައި ދެއްވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އެދިވަޑައިގެންފިއެވެ.

އިޔާޒް މިހެން ވިދާޅުވީ ނިޝާމާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހަދަން ޖެހޭ ކަމަށް ބުނެ މި މަހުގެ 12 ވަނަ ދުވަހު މާލެ ގެނެސްފައި ވާއިރު،  އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަށް ހެދުމަށް ފޮނުވޭނެ ދުވަހެއް ނޭންގޭ ކަމަށް ފުލުހުން ބުނުމާ ގުޅިގެންނެވެ.

އެގޮތުން ޑރ އިޔާޒް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މައްޔިތާ އަށް އިތުރަށް އަނިޔާ ނުކުރައްވާ ޖަނާޒާގެ ކަންތައް ނިންމާލަ ދެއްވުމަށެވެ. އަދި އޭނާގެ ޤާތިލު ކަމަށް ޝައްކުވާމީހާވެސް ވަނީ މަރުވެފައި ކަމަށާއި އެހެންކަމުން ޤާތިލަކީ ކާކުކަން ހޯދުމުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ.

އިޔާޒްގެ ޓްވީޓްގައި ނިޝާމާގެ ޤާތިލް ކަމަށް ޝައްކުވާ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް މަރުވެއްޖެ ކަމަށް ބުނެފައިވީ ނަމަވެސް ފުލުހުން އޭނާ މަރުވިކަމަކަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ފުލުހުން ބުނީ  ނިޝާމާގެ މަރުގެ މައްސަލައިގައި ފައިސަލް ހައްޔަރުކޮށްފައި ހުއްޓާ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އޭނާ ހުރި ގޮޅީގައި ދަން ޖެހިގެން މަރުވާން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ސީރިޔަސް ކަމަށާއި ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައެވެ. ގަސްތުގައި ނިޝާމާ މަރާލީ އޭނާގެ ފިރިމީހާކަމަށް ތުހުމަތު ކުރެވޭއިރު މަރުވެފައި އޮއްވާ ނިޝާމާ ފެނުނު އިރު އޭނާގެ ފިރިމީހާ ވަނީ ހަމަ އެ ދުވަހު އެ ރަށް ދޫކޮށް އެ އަތޮޅު ކުޅުދުއްފުއްޓަށް ދަތުރުކޮށްފައެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ފައިސަލް ބަންދުކޮށްފައި ހުރީ ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް