މި ގައުމީ ޓީމާމެދު ބައްޕަ ފަޚުރުވެރިވާނެ: މަރަޑޯނާ ޖޫނިއާ

ޑިއޭގޯ އަރްމަންޑޯ މަރަޑޯނާ ސިނަގްރާ (ޑިއޭގޯ ޖޭއާރ) އުފަންވީ 1986 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު، އޭނާގެ ބައްޕަ އާޖެންޓީނާއާއެކު ވޯލްޑް ކަޕްގެ ތަށި މެކްސިކޯގައި އުފުލާލިތާ ދެތިން މަސް ފަހުންނެވެ. ދުނިޔ...

18 Dec 2022 | 08:45

ޑިއޭގޯ އަރްމަންޑޯ މަރަޑޯނާ ސިނަގްރާ (ޑިއޭގޯ ޖޭއާރ) އުފަންވީ 1986 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު، އޭނާގެ ބައްޕަ އާޖެންޓީނާއާއެކު ވޯލްޑް ކަޕްގެ ތަށި މެކްސިކޯގައި އުފުލާލިތާ ދެތިން މަސް ފަހުންނެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މަރަޑޯނާ އާއި އޭނާގެ ދަރިއާ އެއްވެސް ގުޅުމެއް ނެތި އެތައް އަހަރުތަކެއް ފާއިތުވެގެން ދިޔައެވެ. އެހެނަސް، މަރަޑޯނާގެ ހަޔާތުގެ ފަހުކޮޅު، ޑިއޭގޯ ޖޭއާރ އާ އޭނާގެ ބައްޕައާ ދެމެދުގައި އޮތީ ރަނގަޅު ގުޅުމެކެވެ. ޑިއޭގޯ ޖޭއާރ އަކީ މަރަޑޯނާގެ ދަރިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. އަދި އޭނާގެ އާއެކު ފުޓްބޯޅައިގެ ވާހަކަ އެންމެ ގިނައިން ދެއްކި ދަރިއެވެ.

ޑިއޭގޯ ޖޫނިއަރ އަކީ މި ވަގުތު އިޓަލީގެ ދަށް ޑިވިޝަނެއްގެ ކްލަބެއް ކަމަށްވާ ނަޕޯލީ ޔުނައިޓެޑްގެ ކޯޗެވެ. އިޓަލީގެ ނަޕޯލީގައި ދިރިއުޅޭ، އަދި ވަރަށް މަދުން ނޫނީ އާޖެންޓީނާއަށް ނުދާ ޑިއޭގޯ ޖޫނިއަރ ވެސް، އާޖެންޓީނާގެ އެހެން ވެސް ރައްޔިތުންނެކޭ އެއްފަދައިން އަންނަނީ ވޯލްޑް ކަޕް ވަރަށް ކައިރިން ބަލަމުންނެވެ.

"އާޖެންޓީނާގެ ރައްޔިތެކޭ އެއްފަދައިން އަހަރެން ވެސް މި އަންނަނީ ވޯލްޑް ކަޕް ތަޖުރިބާ ކުރަމުން. އަހަރެން ހުރިހާ މެޗެއް އެބަ ބަލަން. ހުރިހާ ޚަބަރެއް ކިޔަން. އަހަރެން ބޭނުން މޭމަތީގައި ތިން ވަނަ ތަރިއެއް ޖަހާލަން. ސަބަބަކީ އެކަން މި ކުޅުންތެރިންނަށް ހައްޤު. އެ ކުޅުންތެރިން ގައުމީ ޖާޒީއަށްޓަކާ ކުރެވެންހުރި ހުރިހާ ކަމެއް އެބަކުރޭ. އަހަރެން އުންމީދުކުރަން އެކަން (ވޯލްޑްކަޕް ތަށި) ހާޞިލްވާނެކަމަށް" ޑިއޭގޯ ޖޭއާރ ބުންޏެވެ.

2020 ވަނަ އަހަރު މަރުވި، ފުޓްބޯޅައިގެން ލެޖެންޑް ޑިއޭގޯ މަރަޑޯނާ، ދުނިޔޭގައި ހުރިނަމަ، އޭނާ މި ޓީމާމެދު ދެކޭނެ ގޮތާމެދު ވެސް އޭނާގެ ދަރި ޑިއޭގޯ ޖޫނިއާ ވަނީ ވާހަކަ ދައްކާފައެވެ.

"ގައުމީ ޖާޒީގެ ދިފާއުގައި އެ ކުޅުންތެރިން އެ ކުރާ މަސައްކަތާމެދު ބައްޕަ ފަޚުރުވެރިވާނެކަން އަހަރެންނަން ޔަގީން"

ޑިއޭގޯ ޖޫނިއާ އިތުރަށް ބުނީ، އޭނާގެ ބައްޕަގެ މޮޅު ކުޅުމުން އުފާވެރިކަން ހާޞިލްކުރި ފަދައިން، މިއީ މެސީގެ ކުޅުމުން އުފާވެރިކަން ހާޞިލްކުރަންވީ ވަގުތު ކަމަށެވެ. އަދި މިހާރު އިންޓަނެޓްގައި ދައުރުވަމުން އަންނަ، މަރަޑޯނާ އާއި މެސީ އެކުގައި ތިބި ފޮޓޯއާމެދު ވަރަށް ގަޔާވާ ކަމަށާއި، މެސީ ވޯލްޑް ކަޕްގެ ތަށި އުފުލާލާތަން ބަލަން ބޭނުންވާކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެންނަކީ އޭނާގެ (މެސީ) އެއް ނަންބަރު ފޭން. އަދި އަހަރެން އަބަދު ވެސް އޭނާ ދެކެ ލޯބިވޭ"

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް