މިފްކޯއިން އަލަށް ގެންނަ ބޯޓްތަކުގައި 60 ޓަނުގެ ފްރީޒިން ކެޕޭސިޓީ ޤާއިމްކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ އަލަށް ގެންނަ ބޯޓްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ބޯޓްތަކަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
މިފްކޯއިން މީގެ ކުރިން ބުނީ އެ ކުންފުންޏަށް މަސް ގަންނަ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އިތުރު ތިން ބޯޓެއް މަސް ކިރުމުގެ މަސައްކަތަށް ގަނެ، އެ ބޯޓްތަށް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ރޭގެ ވަގުތެއްގައި ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ އެ ބޯޓްތަކުގައި 60 ޓަނުގެ ފްރީޒިން ކެޕޭސިޓީ ޤާއިމްކުރާނެ ކަމަށެވެ.
އަދި އެ ތިން ބޯޓް ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ އުތުރުގެ އަތޮޅުތައް ހިމެނޭ ސަރަހައްދުގައި ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުގެ މަސް ކިރުވުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.
މި ބޯޓުތައް ގެންނަން ހަމަޖެހިފައި ވަނީ ރާއްޖެއިން ބޭރުން ކަމަށް ވާތީވެ، ބޯޓުގެ ރަޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތާއި، ބޯޓަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފައުޒީ ވިދާޅުވިއެވެ.
މީގެ އިތުރުން ފައުޒީ ވިދާޅުވީ، އެ މަސައްކަތުގެ ސްޕީޑް ޑިޕެންޑްވާނީ ރަޖިސްޓްރޭޝަން ޕްރޮސެސް ދާ ސްޕީޑަށް ބަލާފައި ކަމަށާއި އުންމީދު ކުރަނީ ކުރިއަށް އޮތް ދެ ތިން މަސްދުވަހުގެ ތެރޭގައި އެ ބޯޓުތައް ރާއްޖެ ގެނެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް