ޕްރައިމަރީއަށް ހުޅުވާލި ގޮތާއިމެދު އާޒިމް ހިތްހަމަނުޖެހިއްޖެ

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ  ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލި ގޮތާއި މެދު ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިތް ހަމަ ނުޖެހި ފާޑު ވިދާޅުވ...

18 Dec 2022 | 06:45

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ  ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލި ގޮތާއި މެދު ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިތް ހަމަ ނުޖެހި ފާޑު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ އާޒިމް މިކަމާއި މެދު ހިތް ހަމަ ނުޖެހި ފާޑު ވިދާޅުވެފައި ވަނީ އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެމްބަރުން ޕްރައިމަރީގައި ވާދަކުރުމަށް ރުހޭ ޕާޓީގެ 500 މެމްބަރުންގެ ތާއީދާއެކު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރައިމަރީ އަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމަށް އެދިފައި ވާތީއެވެ.

އެގޮތުން އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެކަމެއް ތިހާ ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ މާ ރަނގަޅެއް ނުވާނެ ކަމަށެވެ. އަދި އެމްޑީޕީ ޕްރައިމަރީ އަށް ކުރިމަތިލާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށް ރަށުގައި ވަޑައިގެން ނޫޅުއްވަނީސް ތިޔަ ދިނީ އެންމެ ފަސް ދުވަސް ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް ޕާޓީ ތެރޭގައި އުފެދި ދެބޭފުޅުންގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ.

https://twitter.com/aliaazim/status/1604343787144105984?s=20&t=fypgt7EmBPl-Ys7jVsuG6g

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުގައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާކަން މިހާތަނަށް ހާމަ ކުރައްވާފައިވަނީ ދެ ބޭފުޅުންނެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް