އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ މަހު 28 ގައި ބާއްވަނީ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ. އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވ...

18 Dec 2022 | 04:23

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ފޯމު ހުށަހަޅަން ޖެހެނީ އެމްޑީޕީގެ 500 މީހުންގެ ތައީދާއި އެކު އެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީގައި ވާދަ ކުރުމަށް އޮންލައިންކޮށްވެސް ފޯމު ހުށަހެޅޭނެ ކަމަށެވެ.

ޕްރައިމަރީގައި ވާދަ ކުރަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ. ޕްރައިމަރީގައި ވާދަ ކުރަން ފޯމު ހުށަހެޅި ފަރާތްތަކުގެ ލިސްޓު އިއުލާނު ކުރުން އޮންނާނީ މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.

އޭގެ ފަހުން މިމަހުގެ 28 ވަނަ ދުވަހު ރިޔާސީ ޕްރައިމަރީގެ ވޯޓާސް ލިސްޓް އާންމު ކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެ ކަމަށް މައުލޫމާތުދެ އެވެ. ފައިނަލް ވޯޓާސް ލިސްޓު އާންމު ކުރާނީ އަންނަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާކަން މިހާތަނަށް ހާމަ ކުރައްވާފައިވަނީ ދެ ބޭފުޅުންނެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް