އިތުރު ގަޑި ނުދީ މަސައްކަތް ކުރުވާ ރިސޯޓްތަކުގެ ނަންތައް ލިސްޓް ކުރަން ރިސޯޓް ވޯކާސް މޯލްޑިވްސްގެ ނަމުގައި ހިންގަމުން އަންނަ ފޭސްބުކް ޕޭޖުން ހުޅުވާލައިފިއެވެ.
ރިސޯޓް ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ޕޭޖެކެވެ.
ރިސޯޓު ވޯކާސްގެ ނަމުގައި ފޭސްބުކުގައި ހިންގަމުން އަންނަ ޕޭޖަކީ އެ ޕޭޖު މެދުވެރިކޮށް ރިސޯޓު މަސައްކަތްތެރިންގެ ކަންބޮޑުވުންތައް އާންމުކޮށް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރާ ޕޭޖެކެވެ.
އެގޮތުން 51 ހާސް މީހުން ފޮލޯ ކޮށްފައިވާ އެ ޕޭޖުގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ އިތުރު ގަޑި ނުދީ މަސައްކަތް ކުރުވާ ރިސޯޓުތަކުގެ ނަންތައް ލިސްޓް ކުރަން ހުޅުވާލާ ކަމަށެވެ. އަދި އެންމެ ގިނަ ފަހަރު ނަން ޖަހާ ރިސޯޓްތަކުގެ މައްސަލަ ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) މެދުވެރިކޮށް ކޯޓަށް ހުށަހަޅާނެކަމަށެވެ. ޓީމުންވެސް ވަނީ އެކަމަށް އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ.
އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މި ޕޯސްޓަށް ކޮމެންޓު ކުރަމުން ދާއިރު، ޓީމް އިން ވަނީ މި ޕޯސްޓާއި އެއްބަސްވާ ކަމަށާއި، ރިސޯޓު ވޯކާސް ޕޭޖުގެ މަސައްކަތް ފާހަގަކޮށް ހިތްވަރުދީފައެވެ.
ރާއްޖޭގެ ވަޒީފާއާއިބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގައި ހަފުތާއެއްގެ ތެރޭގައި އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭ ގަޑިތަކާއިގުޅޭ ގޮތުން ބަޔާންކޮށްފައި ވަނީ، އެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން އިސްތިސްނާވާ މުވައްޒަފުން ފިޔަވައި، އިތުރުގަޑި ނުހިމެނޭގޮތުން، ހަފުތާއެއްގެ ތެރޭގައި އެންމެގިނަވެގެން 48 ގަޑިއިރަށްވުރެ އިތުރަށް އެއްވެސް މުވައްޒަފަކުލައްވާ މަސައްކަތްކުރުވައިގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން މުވައްޒަފަކު އަރާމުކުރުމަށް އާދައިގެމަތިން ހަމަޖެހިފައިވާ ދުވަހެއްގައި ނުވަތަ ދެފަރާތުން އެއްބަސްވެފައިވާ ދުވަހެއްގައި، އަރާމުކުރުމަށް ވިދިވިދިގެން 24 ގަޑިއިރުގެ މުއްދަތެއްނުދީ، އެއްވެސް މުވައްޒަފަކުލައްވާ ވިދިވިދިގެން 6 ދުވަހަށްވުރެ ދިގުމުއްދަތަކަށް މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށް އެ ޤާނޫނުގައި ބަޔާންވެގެން ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް