ކުޑަކުދިންނާއި އެކު އުޅޭ ބޮޑެތި މީހުންނަށް އެނގުން މުހިންމު ކަންކަން!

ކޮންމެ ކުޑަ ކުއްޖަކީވެސް މާދަމާ ތިބޭފުޅުން ފަދައިން މުޖުތަމައުގެތެރޭގައި މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ތިބޭނެ ބަޔެއްކަން ޔަގީނެވެ. ބޮޑެތިވެގެން އެކުދިންގެ އަމަލުތަށް ހުންނާނީ މިހާރު އެކުދިންނަށް ފ...

18 Dec 2022 | 03:19

ކޮންމެ ކުޑަ ކުއްޖަކީވެސް މާދަމާ ތިބޭފުޅުން ފަދައިން މުޖުތަމައުގެތެރޭގައި މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ތިބޭނެ ބަޔެއްކަން ޔަގީނެވެ.

ބޮޑެތިވެގެން އެކުދިންގެ އަމަލުތަށް ހުންނާނީ މިހާރު އެކުދިންނަށް ފެންނަ ކަންތައްތަކާއި އެއްގޮތަށެވެ. އެހެންކަމުން އެކުދިންނަށް ރީތި ނަމޫނާއެއް ދައްކައިދިނުމަކީ އެކުދިން ހެދިބޮޑުވާ މާހައުލުގައި އުޅޭ ކޮންމެ މީހެއްގެވެސް ޒިންމާއެކަމުގައި ދެކެންވާނެއެވެ.

އަދި ކުޑަކުދިންކަމުގައިވިޔަސް ރަނގަޅަށް މުއާމަލާތު ކުރަންވާނެއެވެ. އެހެނީ ކުޑަކުދިން ދަސްކުރާ މައިގަނޑު ގޮތަކީ މާހައުލުން އިވޭ އަޑުތަކާއި ފެންނަކަންކަމަށް ވިސްނައިގެން ކަމުގައިވާތީއެވެ.

ތުއްތު ކުދިންގެ ހަޔާތުގެ ފުރަތަމަ ފަސް އަހަރަކީ ވަރަށް މުހިއްމު ދުވަސްވަރެކެވެ. އެއީ ފުރަތަމަ ފަސް އަހަރަކީ އިންސާނުންގެ ސިކުނޑި އެހެން އުމުރުތަކާއި އަޅާބަލާއިރު އެންމެ ބޮޑަށް ތަރައްގީވާ ދުވަސްވަރު ކަމުގައިވާތީއެވެ. މީހުންނާއި ގުޅިގެން އުޅުމުގެ ސިފައާއި ކެރުންތެރިކަމާއި އަޅާލުމާއި ލޯބި، ބޮޑުވެގެން އެކުދިންގެ ފަރާތުން ފެންނާނީ އެއުމުރުގައި އެކުދިންނަށް ކުރެވޭ ތަޖުރިބާތަކުގެ އަލީގައެވެ.

އެހެންކަމުން ތިބާގެ ގާތުގައި އުޅޭ ތުއްތު ދަރިންނަށް އަޅާލުމާއި ލޯތްބާއި އޯގާތެރިކަން އިހުސާސްކޮށްދޭށެވެ. އެކުދިންގެ ފަރާތުން އަމަލުތަށް ފެންނަން ބޭނުންވާގޮތަށް ކަންތައްތައް ދައްކުވައިދޭށޭވެ.

ބޮޑެތި މީހުންނާ ޙިލާފަށް ކުޑަކުދިންނަށް ބޭނުންވާ ވާހަކަތައް ފަސޭހަކަމާއެކު ބުނަން އުނދަގޫވާނެއެވެ. މިގޮތަށް ދިމާވާ ކުދިންނަށް ސަމާލުކަން ނުދެވޭނަމަ އެކުދިން ރުޅިގަދަވުމަށް މެދުވެރިވެއެވެ. ކުޑަކުދިން ކަމުގައިވިޔަސް ރަނގަޅަށް ވާހަކަ ދައްކާށެވެ. އެކުދިންނާއި ގުޅޭ ބަސްކޮށާރެއް ބޭނުންކޮށްގެން އިހްސާސްތަކުގެ ވާހަކަ ކިޔާދޭށެވެ.

ކަމެއް ވަނީ މިހެންވެގެންނޭ ބުނެދޭށެވެ. ގިނަފަހަރު ކުޑަކުދިން ރުއިމަށް މެދުވެރިވަނީ ބެލެނިވެރިންނަށް އެކުދިންގެ ބޭނުންތައް ނުވިސްނޭތީއެވެ. މިކަންކަމަކީ ވިސްނުމާއެކު ވަގުތު ދީގެން ހައްލުކުރެވޭނެ ކުދިކުދި ކަންކަމެވެ.

އަދި އެކަމެއްގެ ސަބަބުން ދަރިފުޅާއި މައިންބަފައިންވެސް ހިތްހަމަޖެހިގެން ވަގުތު ހޭދަކުރުމަށް މަގުފަހިކޮށްދޭނެ ކަންތައްތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް