ބޮލީވުޑްގެ އެކްޓަރު އަދި ނެށުންތެރިޔާ ނޯރާ ފަތޭހީ، ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯއަށް ހަދިޔާއަކަށް ބޫޓެއް ދީފި އެވެ.
ނޯރާ ވަނީ މިހާރު ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑްކަޕް 2022 ގެ ތީމް ލަވައިން ފެނިގެން ގޮސްފައި އެވެ. މިއީ ބޮލީވުޑް އަދި އިންޑިއާގެ ގެ ތަރިއަކު ވޯލްޑްކަޕްގެ ހުށަހެޅުމަކުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފުޓުބޯޅައިގެ ފޯރީގެ ތެރޭގައި ނޯރާ ވަނީ ފީފާގެ ރައީސް ޖިއާނީއަށް ހަދިޔާއެއްގެ ގޮތުގައި ކަސްޓަމައިޒްކޮށްގެން ހަދާފައިވާ ބޫޓެއް ހަދިޔާކޮށްފައި އެވެ. އެ ހަދިޔާ ޖިއާނީއަށް ދީނީވެސް ނޯރާ އަމިއްލައަށެވެ.
އެ ބޫޓު ޑިޒައިން ކުރީ ނޯރާ އަމިއްލައަށް ކަމަށްވެ އެވެ. ބޫޓުގައި އެއްކޮށް ރަތް ކުލަ ހުރި އިރު ދިދައަކަށް ޖަހާފައިވަނީ މިއަހަރުގެ ވޯލްޑްކަޕް މުބާރާތުގައި ހަތަރު ވަނައަށް ދިޔަ މޮރޮކޯގެ ދިދަ އެވެ.
ނޯރާ އާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި މި ހަދިޔާއަކީ އޭނާއަށް ވޯލްޑްކަޕްގައި ބައިވެރިވުމަށް ލިބުނު ފުރުސަތަށް ޝުކުރު އަދާކުރުމުގެ ގޮތުން ދިން ހަޔިޔާ އެކެވެ. އަދި މޮރޮކޯ ވޯލްޑްކަޕްގައި ހޯދި ތާރީހީ ކާމިޔާބު ފާހަގަ ކުރުމުގެ ގޮތުން ދިން ހަދިޔާއެއް ކަމަށް ބުނެފައިވެ އެވެ.
https://www.instagram.com/p/CmRutniggAa/
ވޯލްޑްކަޕްގެ ތީމް ލަވައިގަ ނޯރާ އާއި އެކު ފެނިގެންދިޔައީ ސަރަހައްދީ ފެންވަރުގެ ލަވަކިޔުންތެރޭގައި ހިމެނޭ ގަތަރުގެ ލަވަކިޔުންތެރިޔާ ބަލްގީސް ފާތީ އާއި މޮރޮކޯގެ ލަވަކިޔުންތެރިޔާ މަނާލް ބެންޗްލިހާ އެވެ.
ނޯރާ އެންމެ ފަހުން ފެނިގެން ދިޔައީ ފިލްމު “ތޭންކް ގޯޑް” ގައި ހިމެނޭ ލަވައެއްކަމަށްވާ “މަނިކޭ”އިން ސިދާތް މަލޯތްރާ އާއި އެކު އެވެ. އެ ފިލްމު އަދި ރިލީޒް އެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް