ރޭ މާލޭގައި ބޮޑުވި ފެންގަނޑު ތިން ގަޑިއިރު ތެރޭގައި ހިނދިގެން ދިޔަ: މިނިސްޓަރު މުއިއްޒު

މާލޭގައި ރޭބޮޑުވި ފެންގަނޑު ގާތްގަޑަކަށް 3 ގަޑިއިރުގެ ތެރޭގައި ހިންދާލެވުނު ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ރޭ މާލެއަ...

18 Dec 2015 | 08:51

މާލޭގައި ރޭބޮޑުވި ފެންގަނޑު ގާތްގަޑަކަށް 3 ގަޑިއިރުގެ ތެރޭގައި ހިންދާލެވުނު ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ރޭ މާލެއަށް ދެ ގަޑިއިރު ތެރޭގައި 61.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ މިފަހަކަށް އައިސް މާލެއަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ މިންވަރުކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ މާލޭގެ ފެންބޮޑުވާ ސަރަޙައްދުތަކުން ފަސޭހައިން ފެން ހިނދޭނެ ގޮތް ހެދުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓެއް ކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާ އިރު، މީގެ 4 މަސްދުވަސްކުރިން ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ މާލޭގެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި މިހާރު އެއްގޮތަކަށްވެސް ފެން ބޮޑުނުވާނެ ކަމަށެވެ. އެގޮތުން މާލޭގެ ހުޅަނގު ފަރާތާއި ދެކުނު ފަރާތުގައި ވާރޭ ވެހުމުގެ ސަބަބުން ފެން ކޮންމެވެސް ވަރަކަށް ބޮޑުވިނަމަވެސް ދެ ގަޑިއިރުތެރޭ ފެން ހިނދިގެންދާ ކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މާލޭގެ މަގުތަކުގައި ފެން ނުހިނދިގެން އުޅޭ މައްސަލަ މިހާރު އެއްގޮތަކަށްވެސް ރައްޔިތުންނަށް ދިމާނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ފެން ބޮޑުވުން ހުއްޓުވުމަށް ސަރުކާރުން ވަނީ މަޝްރޫއެއް ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް