ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީއެއްގެ ތެރޭގައި މިއަދު ބިދޭސީއަކު ވިހައިފިއެވެ.
ދުވަސް ނުފުރާ، ހަތަރު މަހުގައި ބިދޭސީއަކު ވިހާފައިވަނީ ގދ. ވާދޫއިން އެ އަތޮޅު ތިނަދުއަށް ދަތުރުކުރި ފެރީއެއްގައެވެ. ވިހޭ އަންހެން މީހާއަކީ ވާދޫގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ އަންހެނެކެވެ. ތިނަދުއަށް ދަތުރުކުރީ ޑަކުޓަރަށް ދެއްކުމަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކަނޑުގަދަވުމުން ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ފަޅުވެރިން އެ އަންހެންމީހާއަށް އެންގިއެވެ. އެހެންނަމަވެސް އޭނާގެ ހާލު ހުރި ގޮތުން އިތުރު ފަރުވާ ބޭނުންވާތީ ޑަކުޓަރަކާއި ނަރުހަކާއެކު ދަތުރު ފެށީއެވެ.
ދަތުރު ފެށިތާ ބައިގަޑިއިރެއްހާއިރުގެ ތެރޭގައި ކަނޑުމަތިން އެ އަންހެންމީހާގެ ބަނޑުގައި ވަރަށް ބޮޑަށް ރިއްސާފައި ވިހެއީ ކަމަށާއި، ވިހޭއިރުވެސް ކުއްޖާގެ ފުރާނަ ނެތްކަމަށް ޑަކުޓަރު ބުނެފައިވާކަމަށް ދުވަހަށް މައުލޫމާތު ލިބިފައިވެއެވެ.
މިހާރު އެ އަންހެންމީހާއަށް ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް