ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްގެ ލިސްޓް ލަސްވިނަމަވެސް ލިސްޓް ނެރޭއިރު އެ ލިސްޓް ވެގެންދާނީ ދެފުށް ފެންނަ ނަޒާހަތްތެރި އިންސާފުވެރި ލިސްޓަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރަށް އަހަރެއްފުރުން ފާހަގަކުރުމަށް ރޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެ ލިސްޓް އެކުލަވާލުމަށް ހައުސިން މިނިސްޓްރީން ގިނަ ވަގުތުތަކެއް އެބަ ހޭދަކުރާކަމަށެވެ. ކޮމިޓީތަކުންވެސް އެކަން ބަލަމުން އަންނަ ކަމަށެވެ. އެކަން ކުރަމުން އަންނަނީ ވަރަށް ނަޒާހަތްތެރިކަމާ އިންސާފުވެރިކޮށް ޝަރުތު ހަމަވާ ފަރާތްތަކަށް މަތިން ތިރިއަށް 4000 ހަމަކުރަން ކަމުގައި ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އެކުލަވާލި ލިސްޓްގައި ކޮމިޓީގައި ހިމެނޭ ސިޔާސީ ފަރާތްތަކަށްވެސް ފްލެޓް ލިބޭގޮތަށް މާކްސް ދީފައިހުރި ކަމަށާއި އިސް ވެރިންގެ އާއިލާތަކަށްވެސް އަދި އެއް އާއިލާއެއްގެ ގިނަ ބަޔަކަށްވެސް ފްލެޓް ދީފައި އެބަހުރި ކަމަށެވެ. މީގެ އިތުރުން ހަމައެކަނި އައިޑީ ކާޑުގެ އެއް ފުށް ހުށަހަޅައިގެންވެސް ލިސްޓްގައި ހިމަނާފައިވާކަމަށާއި ބެކްއެންޑުން ޕޮއިންޓް ސިސްޓަމާ ކުޅެގެންވެސް ލިސްޓަށް ނަން ލާފައިވާކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ފްލެޓް ލިސްޓް އާންމުކުރުން ލަސްވަނީ އެކަންކަން އެހެން ހުރުމުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް