ސިޔާސީ ވަޒީފާތައް ދެއްވާފައިވާ ބޭފުޅުންކޮޅު ހައްލާ ލެވުނަސް މަސްދަޅު ކޭހަކަށް ރައްޔިތުން ނުހެއްލޭނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހިލޭ ދިނުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އާދިއްތަ ދުވަހުގެ ރޭ ވަނީ އިއުލާން ކުރައްވާފަ އެވެ.
އައްބާސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އަކީ ސަރުކާރާ ދެކޮޅު މީހެއް ނޫން ކަމަށާއި އަދި ސަރުކާރުން ކިޔާހާ ލަވަޔަކަށް އަތްޖަހާ، ބެރުޖަހާ، ނަށާނެ މީހެއްވެސް ނޫން ކަމަށެވެ.
އަދި ސިޔާސީ ވަޒީފާތައް ދެއްވާފައިވާ ބޭފުޅުންކޮޅު ހައްލާ ލެވުނަސް މަސްދަޅު ކޭހަކަށް ރައްޔިތުން ހައްލާ ނުލެވޭނެކަމަށާއި ފުލުފުލުން އެެތަކެެއް ޖަލްސާތަކެއް ބާއްވަވާ ބަހާއި އަމަލު ދިމާ ނުވާ ކިތަންމެ ވަޢުދެއް ވެވަޑައިގެންފައިވާކަމަށް އައްބާސް ވިދާޅުވިއެވެ.އަދިމިހާތަނަށް ގައުމަށް، ރައްޔިތަކަށްވީ ރަނގަޅެއް އަދި ނެތްކަމަށް އައްބާސް ވިދާޅުވި އެވެ.
"ސިޔާސީ ވަޒީފާތައް ދެއްވާފައިވާ ބޭފުޅުންކޮޅު ހައްލާ ލެވުނަސް މަސްދަޅު ކޭހަކަށް ރައްޔިތުން ހައްލާ ނުލެވޭނެ. ފުލުފުލުން އެެތަކެެއް ޖަލްސާތަކެއް ބާއްވަވާ ބަހާއި އަމަލު ދިމާ ނުވާ ކިތަންމެ ވަޢުދެއް ވެވަޑައިގެންފި. ގައުމަށް، ރައްޔިތަކަށްވީ ރަނގަޅެއް އަދި ނެތް،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ކެފޭތަކާއި، ރެސްޓޯރެންޓް ތަކާއި، އެހެނިހެން ތަންތަނުން ދިމާވި ރައްޔިތުންގެ ތެރެއިން ސަރުކާރު ރަނގަޅޭ ބުނި ހަމަ އެއްވެސް ރައްޔިތަކާ ދިމާ ނުވާ ކަމަށެވެ.
އަދި އޭނާގެ ދާއިރާގެ ރައްޔިތުން އެދެނީ ތަރައްޤީ ކަމަށާއި ދާއިރާ އަށް ތަރައްޤީ ލިބެމުން ދާނަމަ އޭނާގެ އަދި ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ގާނޫނީ އިމުގެ ތެރެއިން ވާނަންކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ބަހާ އަމަލުން ދައްކަމުން ދާނަންން ކަމަށް އޭނާ ވިދާޅުވި އެވެ.
އައްބާސް ވަނީ ދާއިރާގެ ރައްޔިތުން އެދޭ ތަރައްޤީ ނާންނަ ނަމަ ސަރުކާރު ދިފާއު ކުރުމަށް އަބަދު ސަނާ ކިޔާނެ މީހަކަށް އޭނާ ނުވާނެ ކަމަށާއި ވަފާތެރިވާނީ ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް