ރައީސް ދެއްވީ މީޑިއާ ކޮންޓްރޯލް ކުރަން ނޫޅޭނެކަމުގެ ޔަޤީންކަން – މިހާރު އޮތް ބިލު ބޭރުކުރާނެކަމުގައި ވިދާޅުވި

ޑިމޮކްރަސީގެ ހަތަރުވަނަ ބާރުކަމުގައި ބަލާ، މީޑިއާ ކޮންޓްރޯލު ކުރަން ނޫޅޭނެކަމުގެ ޔަޤީންކަން ދިވެހި ނޫސްވެރިންނަށް ރައީސް މިރޭ އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ...

17 Nov 2024 | 19:01

ޑިމޮކްރަސީގެ ހަތަރުވަނަ ބާރުކަމުގައި ބަލާ، މީޑިއާ ކޮންޓްރޯލު ކުރަން ނޫޅޭނެކަމުގެ ޔަޤީންކަން ދިވެހި ނޫސްވެރިންނަށް ރައީސް މިރޭ އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރައްވަން ނޫޅުއްވާކަމަށާއި ބޭނުންވަނީ މިހާރަށްވުރެވެސް ބޮޑަށް މީޑިއާ މިނިވަންވުން ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭ ފުރަތަމަ ބަޖެޓުކަން ރައީސް ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތު ނިންމަވާލައްވައި ކާރަށް އަރަން ވަޑައިގަންނަވަނިކޮށް ދައުރު ނޫހުގެ ސީނިއަރ ޖާނަލިސްޓް މުޒައްޔިން ރައީސަށް ސުވާލެއް ކުރެއްވިއެވެ. އެއީ މިހާރު މަޖިލީހުގެ ތަޅުމުގައި އޮތް ބިލާއި ގުޅޭގޮތުން ކުރެއްވި ސުވާލެވެ. އެ ބިލަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް އުވާލައި މުޅިން އާ މުއައްސަސާއެއް އުފައްދައި އަދި މީޑިއާތަކާއި ވަކި ވަކި ނޫސްވެރިން ޖޫރިމަނާވެސް ކުރެވޭނެހެން އެކުލަވާލާފައިވާ ބިލެކެވެ.

އެ ބިލު ތަޅުމަށް ހުށަހެޅުއްވީ މިނިވަން މެންބަރު، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

ރައީސަށް މުޒައްޔިން ކުރިމަތިކުރި ސުވާލަކީ ޕީއެންސީގެ މެޖޯރިޓީ އޮތް އިރު އެ ބިލު މަޖިލީހުން ބޭރު ކުރާނެތޯ؟ އެވެ. އެ ސުވާލުކޮށް ނުނިމެނީސް ރައީސް ވިދާޅުވީ އެ ބިލު ބޭރު ކުރާނެ ކަމަށެވެ. ބަލައެއް ނުގަންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް