ރައީސް މުއިއްޒު ރަނިލް އާއި ބައްދަލުކުރައްވައިފި، ލަންކާއަށް ފުރަމާނަ ދަތުރުފުޅަކަށް ރަނިލް ދައުވަތު އެރުވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ކުރުނބާ މޯލްޑިވްސްގައެވެ. މި ބައްދަލުކުރެއްވުމުގަ...

18 Nov 2023 | 10:43

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިރޭ ކުރުނބާ މޯލްޑިވްސްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމަކީ ދެ ޤައުމުގެ ގާތްގުޅުން ދައްކުވައިދޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސްރީލަންކާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މިގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ދެބޭފުޅުން ވަނީ ތަޢުލީމީ ދާއިރާއާ ގުޅޭގޮތުންނާއި އަށާރައަހަރުން ދަށުގެ ކިޔަވާކުދިންނަށް ވިސާ ލިބުމުގައި ލުއިފަސޭހަގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުންނާއި އިޤްތިޞާދު އާރާސްތުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭހެން ދެގައުމުން އިސްކަންދޭ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ސްރީލަންކާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފަސޭހަފުޅު ވަގުތެއްގައި ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވުމަށް ދަޢުވަތު އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދަޢުވަތު ޤަބޫލުފުޅުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް