ފީފާ ވޯލްޑް ކަޕް 2022 މި މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފެށުމަށް ތައްޔާރުވެފައިވާއިރު، މުބާރާތުގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ އެކައްޗަކީ ވޯލްޑް ކަޕްގެ މެސްކޮޓެވެ. ވޯލްޑް ކަޕްގެ ފޯރިގަދަކުރުމަށް، މުބާރާތް ބާއްވާ ގައުމުގެ ކަމެއް ރަމްޒުކޮށްދޭ ގޮތަށް، 1966 ގެ ވޯލްޑް ކަޕުން ފެށިގެން ފީފާއިން އަންނަނީ ކޮންމެ މުބާރާތަކަށް މެސްކޮޓެއް ތަޢާރަފުކުރަމުންނެވެ.
މިފަހަރުގެ ވޯލްޑް ކަޕްގެ މެސްކޮޓަކީ ލައީބް އެވެ. މެސްކޮޓްގެ ގޮތުގައި ލައީބް ތަޢާރަފު ކުރީ މި އަހަރުގެ އޭޕްރިލް މަހުގެ 1 ވަނަ ދުވަހުގައި ބޭއްވި ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖްގެ ގުރުނެގުމުގެ ރަސްމިއްޔާތުގައެވެ.
މެސްކޮޓް ލައީބްއަކީ ހިނިތުންވެފައިވާ، ފުޓްބޯޅަ ކުޅޭ އަރަބިން އާންމުކޮށް ބޮލުގައި އަޅާ ހުދުކުލައިގެ ފަގުޑި (ޓާބަން) އެކެވެ.
ގަތަރުގެ ސަޤާފަތާއި އާދަކާދަ ރަމްޒުކޮށްދޭ ލައީބްގެ މާނައަކީ ހުނަރުވެރި ކުޅުންތެރިޔާއެވެ. މެސްކޮޓް ލައީބް ގެ އެންމެ އަޅައިގަތް އެއް ކަމަކީ އެ މެސްކޮޓާއެކުގައިވާ ފުޓްބޯޅައަކީ މި ފަހަރުގެ ވޯލްޑް ކަޕަށް ޚާއްސަކޮށް ތަޢާރަފުކުރި އަލް ރިހްލާއަށް ނުވާކަމެވެ.
"ލައީބް އައީ މެސްކޮޓުންގެ މެޓަވާސްއަކުން. ލަފުޒުތަކަކުން ސިފަކޮށްނުދެވޭނެ އެހެން އާލަމަކުން. ކޮންމެ މީހަކު ވެސް އެ މީހަކު ބޭނުންގޮތަކަށް ސިފަކުރެވިދާނެ. ލައީބް ހިތްވަރުދެނީ ކޮންމެ މީހަކު ވެސް އެ މީހެއްގެ ނަފްސަށް އިތުބާރުކޮށް ޤަބޫލުކުރުމަށް" ފީފާއިން މެސްކޮޓް ލޯންޗްކުރި ރަސްމިއްޔާތުގައި ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް