ދިރާގު، ޓޫރިޒަމް މިނިސްޓްރީ، އޯޝަން ޖިއޮގްރަފިކް ސޮސައިޓީ އަދި މޯލްޑިވްސް އެލައަންސް އޮފް ޑައިވް އޮޕަރޭޓަރސް (މަޑޯ) ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ފަރުތަކުގެ ދިރުން ބެލުމަށް ބާއްވާ ފޮޓޯ މުބާރާތް މިއަދު ފަށައިފިއެވެ.
ދިރާގުން މައުލޫމާތުދޭގޮތުގައި މިއަދުން ފެށިގެން މި މުބާރާތް 15 ޑިސެންބަރު 2022 ހަމައަށް ކުރިއަށް ދާނެއެވެ. މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ބަލާ ކޮންމެ އަހަރަކު މިފަދަ ޗެކްއަޕްއެއް ކުރިއަށް ގެންދިއުން ކަމަށާއި މީގެ އިތުރުން މި މުބާރާތަކީ ރާއްޖޭގެ ގުދުރަތީ މާހައުލު ހިމާޔާތް ކުރުމަށް ކުރަމުންގެންދާ މަސައްކަތައި ދިވެހިރާއްޖޭގެ ހިތްގައިމު ކަނޑުއަޑި ބޭރު ފަރާތްތަކަށް ދައްކާލުމަށްޓަކައިވެސް ކުރިއަށް ގެންދާ އިވެންޓެއްކަމުގައިވެސް ދިރާގުން ބުނެއެވެ.
މި މުބާރާތުގައި ފޮޓޯ ނެގުމަށް ރާއްޖޭގެ 50 މައްޝޫރު ޑައިވް ސައިޓެއް ކުރިއާލާވަނީ ކަނޑައެޅިފައެވެ. މިއިން އެއް ސައިޓަށް ނުވަތަ އެއަށް ވުރެ ގިނަ ސައިޓުގެ ފޮޓޯ ނަގައިގެންވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. ނަމަވެސް ނަގާ ކޮންމެ ސައިޓަކުން ފަސް ފޮޓޯގެ ޕޯޓްފޯލިއޯއެއް ހުށަޅަން ޖެހެއެވެ. މި މުބާރާތުގެ ފޮޓޯތައް ބައިނަލްއަޤްވާމީ ޖަޖިން ޕެނަލަކުން ބެލުމަށްފަހު ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން އެއްވަނަ ދެވަނަ އަދި ތިން އޮނަރަބަލް މެންޝަން ހޮވާނެއެވެ. އަދި މުބާރަތުގައި ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށްވެސް ރާއްޖޭގެ ކޮރަލް ރީފް ހެލްތު އެސެސްމަންޓްގައި ބައިވެރިވިކަމުގެ ކޮންޓްރިބިއުޝަން އޮފް އެޗީވްމަންޓް ސެޓްފިކެޓެއް ލިބޭނެއެވެ.
ދިރާގުން މަސައްކަތަކުރަމުން ދަނީ ދިވެހިރާއްޖޭގެ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި މިއީ އެކުންފުޏީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒުވެސްމެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް https://maldives50.site
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް