ފީފާ ވޯލްޑް ކަޕް 2022 ފަށާ މެޗުގައި، މުބާރާތް ބާއްވާ ގައުމު ގަތަރަށް މެޗު ދޫކޮށްލާގޮތަށް، އެކުއެޑޯގެ 8 ކުޅުންތެރިއަކު ރިޝްވަތު ނެގިކަމުގެ ތުހުމަތުތައް ފެންމަތިވެއްޖެއެވެ.
މިއީ މުބާރާތް ބާއްވާ ގައުމު ގަތަރަށް ކުރެވެމުންދާ ތަފާތު އެކިއެކި ތުހުމަތުތަކަށް އިތުރުވި ބޮޑެކެވެ. ސައޫދީ އަރަބިއާގައި ހުންނަ ބްރިޓިޝް ސެންޓަރގެ ރީޖަނަލް ޑިރެކްޓަރ އަދި ސްޓްރެޓެޖިކް ޕޮލިޓިކަލް އެފެއާޒްގެ އެކްޕާޓެއް ކަމުގައިވާ އަމްޖަދު ތާހާ ރިޕޯޓްކޮށްފައިވާ ގޮތުގައި، ގަތަރަށް މެޗު ދޫކޮށްލާގޮތަށް، އެކުއެޑޯގެ 8 ކުޅުންތެރިއަކު ވަނީ ގަތަރު އަތުން 7.4 މިލިޔަން ޑޮލަރު ނަގާފައެވެ.
ގަތަރާއި އެކުއެޑޯގެ ކަމާ ގުޅުންހުރި ބައެއް ފަރާތްތަކުން، ރިޝްވަތުގެ މި މުޢާމަލާތް ކަށަވަރުކޮށްދީފައިވާކަމަށް ތުހުމަތުކުރަމުން، އޭނާ ވަނީ މުޅި ދުނިޔެ "ފީފާގެ ކޮރަޕްޝަން" އާ ދެކޮޅަށް ނުކުތުމަށް ގޮވާލާފައެވެ.
އެ ރިޕޯޓްގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ގަތަރުން އެކުއެޑޯއަށް ހުށަހަޅާފައިވަނީ، ދެ ވަނަ ހާފުގައި ލަނޑެއް ޖަހަން ދޫކޮށްލާ، 1-0 ގެ ނަތީޖާއިން ގަތަރު މޮޅުވުމަށް މެޗު ދޫކޮށްލުމަށެވެ. މީގެ ކުރިން ވެސް ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ކާމިޔާބުކުރުމުގައި އެތައް މިލިޔަން ޑޮލަރުގެ ރިޝްވަތު ފީފާއަށް ދިންކަމުގެ ތުހުމަތު ގަތަރަށް ކުރެވިފައިވާއިރު، މި ތުހުމަތުތަކަށް ސީރިއަސް ނަޒަރަކުން ގިނަ ބަޔަކު ބަލާނެކަމަށް ބެލެވެއެވެ.
އެކުއެޑޯ އާއި ގަތަރު ކުޅޭ މުބާރާތް ހުޅުވާ މެޗު އޮންނާނީ 20 ނޮވެމްބަރު 2022 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު ރާއްޖެ ގަޑިން 21:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް