ބާސެލޯނާއަށް އެނބުރި އައުމުގެ ދޮރު މެސީއަށް ވަނީ ހުޅުވިފައި - ލަޕޯޓޭ

މެސީ އެނބުރި އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއަށް އަންނަން ބޭނުން ނަމަ އެ ފުރުސަތު މެސީއަށް އެބަ އޮތް ކަމަށާއި އެ ދޮރު މެސީއަށް ޓަކައި އަބަދުވެސް ހުޅުވި ހުންނާނޭ ކަމަށް ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓޭ ބުނެ...

18 Nov 2021 | 18:27

މެސީ އެނބުރި އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއަށް އަންނަން ބޭނުން ނަމަ އެ ފުރުސަތު މެސީއަށް އެބަ އޮތް ކަމަށާއި އެ ދޮރު މެސީއަށް ޓަކައި އަބަދުވެސް ހުޅުވި ހުންނާނޭ ކަމަށް ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓޭ ބުނެފިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ލަޕޯޓޭ ބުނެފައިވަނީ ނިމި ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި މެސީއަށް އަލުން އެނބުރި ބާސާ އާއި ގުޅުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި މެސީއަށް ޓަކައި އެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނާނެ ކަމަށެވެ. އަދި މެސީ އެނބުރި ބާސެލޯނާ އާއި ގުޅުމަކީ ކުލަބުގެ އުންމީދެއް ކަމުގައި ވެސް ލަޕޯޓޭ ވަނީ ބުނެފައެވެ.

އިތުރަށް ވާހަކަ ދައްކަމުން ލަޕޯޓޭ ބުނީ ކުލަބުގެ މިހާރުގެ ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށާއި އެގޮތުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ހޯދުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން ކުރިން ކުލަބަށް ކުޅެފައިވާ ބައެއް ކުޅުންތެރިން ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ލަޕޯޓޭ ބުންޏެވެ. އެގޮތުން އެކުލަބުގެ ކުރީގެ ތަޖުރިބާކާރު މިޑްފީލްޑަރ އެންޑްރޫ އިނިއެސްޓާ އަށް ވެސް އެނބުރި ބާސާ އާއި ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ލަޕޯޓޭ ބުނެފައިވެއެވެ.

އިތުރަށް ލަޕޯޓޭ ބުނީ މެސީ ކުލަބު ދޫކޮށް ދިޔަ ހިސާބުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި މެސީ ކުލަބު ދޫކޮށް ދިއުމަކީ ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކާއި ކުރިމަތިވި ކަމެއް ކަމަށެވެ. އެހެން ކަމުން މިކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޕަލޯޓޭ ބުންޏެވެ.

މެސީ ބާސާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވީ ނިމިގެން ދިޔަ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާގެ ދަށުންނެވެ. މިދިޔަ އަހަރު ޖޫން މަހުގެ 30 ވަނަ ދުވަހު ބާސާއާއެކު މެސީ ހަދާފައި އޮތް އެއްބަސްވުން ހަމަވެ، 50 އިންސައްތަ މުސާރަ ކުޑަކޮށް އައު އެއްބަސްވުމުގައި ސޮއިކުރަން މެސީ ނިންމި ނަމަވެސް ބާސާއިން ވަނީ ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ ސަބަބުން އިތުރު މައްސަލަތަކެއް ކުރިމަތިވެ މެސީ ދޫކޮށްލުން ނޫން އެހެން ގޮތެއް މި ވަގުތު ނެތް ކަމަށްބުނެ މެސީގެ އެއްބަސްވުން އާނުކޮށް މެސީ ދޫކޮށްލާފައެވެ.

ޅަ އުމުރުގައި ބާސާއާ ގުޅުނު މެސީ ގިނަ އަހަރުތަކަކަށް ފަހު އެ ޓީމު ދޫކޮށް ޕީއެސްޖީއާއި ގުޅުނުއިރު، ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ އެ ޓީމުގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި މެސީއަކީ ބާސާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ. އެގޮތުން ބާސާއަށް ކުޅެދިން 778 މެޗުގައި މެސީ 672 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައިވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީއަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

ރޮނާލްޑް ކޫމަން މަގާމުން ވަކިކޮށް ބާސާގެ ކޯޗުކަމުގެ މަގާމާއި އެ ކުލަބުގެ ކުރީގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ހަވާލުވުމަށް ފަހު ކުލަބަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކުލަބުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ ޕްލޭންތަކެއް އެކުލަވާލާ ރަނގަޅު ފެންވަރުގެ ކުޅުންތެރިން ކުލަބަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބާސާގެ ކުރީގެ ތަޖުރިބާކާރު ޑިފެންޑަރ ޑެނި އަލްވޭޒްގެ ސޮއި މިހާރު ވެސް ބާސާއިން ހޯދާފައިވާއިރު، އެކުލަބުން ދަނީ އަންނަ ޖެނުއަރީ ޓްރާންސްފާގައި ގިނަ ކުޅުންތެރިންތަކެއް ކުލަބަށް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް