ފަހީމް ރަހީނުކޮށް، ހިންގި ލާއިންސާނީ އަމަލުތައް މަކުނުދޫ ރައްޔިތުން ކުށްވެރިކޮށްފި

ފައިސާ ހޯދުމުގެ ބޭނުމުގައި 17 ނޮވެމްބަރު 2021 ވީ ބުދަ ދުވަހުގެ ރޭ އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުގައި މަސައްކަތް ކުރައްވާ ހަސަން ފަހީމް 37އ ރަހީނުކޮށް އޭނާ އާއި މެދު ލާއިންސާނީ އަމަލުތަކެއް ހިންގާފައިވ...

18 Nov 2021 | 18:11

ފައިސާ ހޯދުމުގެ ބޭނުމުގައި 17 ނޮވެމްބަރު 2021 ވީ ބުދަ ދުވަހުގެ ރޭ އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުގައި މަސައްކަތް ކުރައްވާ ހަސަން ފަހީމް 37އ ރަހީނުކޮށް އޭނާ އާއި މެދު ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާތީވެ މަކުނުދޫ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފިއެވެ.

މަކުނުދޫ ކައުންސިލް އިދާރާއިން މިރޭ ނެރެފައިވާ ނޫސް ބަޔާނުގައި ވިދާޅުވެފައި  ވަނީ 17 ނޮވެމްބަރު 2021 ވީ ބުދަ ދުވަހުގެ ރޭ އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުގައި މަސައްކަތް ކުރައްވާ ހދ. މަކުނުދޫ/ ޝޭޑީ ގްރޯވް، ހަސަން ފަހީމް ރަހީނުކޮށް އޭނާ އާއި ދެކޮޅަށް ހިންގާފައިވާ ލާ އިންސާނީ ޢަމަލުތައް ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް އިދާރާއާއި މަކުނުދޫގެ އެންމެހާ ރައްޔިތުންގެ ނަމުގައި ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމުގައެވެ.

މީގެ އިތުރުން އަނިޔާ ލިބުނު ފަރާތާއި ދެކޮޅަށް މި ހިންގުނު ލާ އިންސާނީ އަމަލު ވީ އެންމެ އަވަހަކަށް ތަހުޤީގުުކޮށް ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައި ވެއެވެ. އަދި އެ ނޫސްބަޔާނުގައި އަނިޔާ ލިބުނު ފަރާތައް އަވަސް ޝިފާ އެއް މިންވަރު ކުރެއްވުމަށާއި، ރައްކާތެރިކަން ދެއްވުމަށް އެދި ފައިވެއެވެ.

މޫނު ނިވާކޮށްގެން ތިބި ހަތް މީހުންގެ ޤުރޫޕަކުން ފަހީމް ރަހީނު ކޮށް ފައި ވަނީ ފައިސާ ހޯދުމުގެ ބޭނުމުގައެވެ. އެގޮތުން ފަހީމްގެ ޢާއިލާ އާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ފަހީމް ރަހީނުކުރީ، މާފަންނު އޭސް ހާޑްވެއަރ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ކަމަށެވެ. އަދި އޭނާ ރަހީނު ކޮށްފައިވަނީ ރޭ 11:30 އިރު ކަމަށެވެ.

އެ ގްރޫޕުން ފަހީމް ގެން ގޮސްފައިވަނީ އެ ސަރަހައްދުގައި ހުރި ކޮޓަރިއަކަށެވެ. ގެންދިއުމަށްފަހު އަނިޔާތަކެއް ކުރުމަށްފަހު ވަނީ އައިޖީއެމްއެޗް ކައިރި އަށް އެއްލާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް