ސޮލްޝެއަރ ބޭނުންވަނީ ޔުނައިޓެޑްގެ ކޯޗު ކަމުގައި ދެމިހުންނަން

އޯލްފުޓްބޯލް (ނޮވެމްބަރ 18) - އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލި ގަނަ ސޮލްޝެއަރ މަޤާމު ދޫކޮށްލަން ބޭނުން ނުވާ ކަމަށާއި އޭނާ ބޭނުންވަނީ ކުރިޔަށް އޮތް ތަނުގައިވެސް ޔުނައިޓެޑްގެ ކޯޗުގެ މަ...

18 Nov 2021 | 15:44

އޯލްފުޓްބޯލް (ނޮވެމްބަރ 18) - އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލި ގަނަ ސޮލްޝެއަރ މަޤާމު ދޫކޮށްލަން ބޭނުން ނުވާ ކަމަށާއި އޭނާ ބޭނުންވަނީ ކުރިޔަށް އޮތް ތަނުގައިވެސް ޔުނައިޓެޑްގެ ކޯޗުގެ މަޤާމުގައި ދެމިހުންނަން ކަމަށް ސޮލްޝެއަރ ބުނެފިއެވެ.

ޔުނައިޓެޑް ގެ ކޯޗުގެ މަޤާމުގައި ދެމިހުންނަށް ބޭނުން ވާކަން ސޮލްޝެއަރ މި ހާމަކުރީ އޭނާ މަޤާމުން ދުކުރަން އުޅޭ ކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

މި ފަހަކަށް އައިސް ސޮލްޝެއަރ ޔުނައިޓެޑްގެ ކޯޗުގެ މަގާމު ދިފާއުކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނައިރު، ސޮލްޝެއަރ އާއި އެކު ޔުނައިޓެޑުން ހޯދަމުން އަންނަ ދައް ނަތީޖާތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާ އަށް އަންނަނީ އަމާޒުވަމުންނެވެ. އަދި ސޮލްޝެއަރ މަގާމުން ދުރުކުރުމަށް އެކުލަބުގެ ސަޕޯޓރުން އަންނަނީ ގޮވާލަމުންނެވެ.

ސޮލްޝެއަރ ގެ މަގާމާއި މެދު އެންމެ ފުރަތަމަ ސުވާލު އުފެދުނީ މިދިޔަ މަހު 24 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލާއި ދެކޮޅަށް ކުޅެ 0-5 ގެ ނަތީޖާއިން ބަލިވި މެޗަށް ފަހުގައެވެ. އެ މެޗަށް ފަހު ސޮލްޝެއަރ މަގާމުން ވަކި ކުރާނެ ކަމަށް ބެލެވުނު ނަމަވެސް ޔުނައިޓެޑްގެ ބޯޑުން ނިންމާފައިވަނީ އިތުރު ފުރުސަތެއް ސޮލްޝެއަރ އަށް ދިނުމަށެވެ. އޭގެ ފަހުން ޖެހިގެން އައި މެޗުން ޓޮޓެންހަމް އަތުން ޔުނައިޓެޑު ހޯދި ކާމިޔާބީ އާއި އެކު ސޮލްޝެއަރ އަށް މަގާމުގެ ޔަގީންކަން އިތުރަށް ބޮޑުވިއެވެ. ނަމަވެސް އެންމެ ފަހުން ލީގުގައި ސިޓީއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 0-2 އިން ޔުނައިޓެޑް ބަލިވުމުން ސޮލްޝެއަރ އަށް އިތުރު ޕުރެޝަރ ތަކެއް ކުރިމަތިވިއެވެ. ނަމަވެސް ޔުނައިޓެޑްގެ ބޯޑުން ސޮލްޝެއަރ މަގާމުން ވަކުކުރުމުގެ ވިސްނުމެއް ނުގެންގުޅެވެ.

2018 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމާއި ސޮލްޝެއަރ ހަވާލުވީ އޭރު އެ މަގާމުގައި ހުރި ހޯސޭ މޮރީނިއޯ މަގާމުން ދުރުކުރުމަށް ފަހުގައެވެ. މޮރީނިއޯ ވެސް މަގާމުން ދުރުކުރީ ޔުނައިޓެޑުން ހޯދަމުން އައި ދައް ނަތީޖާތަކުގެ ސަބަބުންނެވެ.

މޮރީނިއޯ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން ވަކިކުރުމަށް ފަހު އެ މަގާމަށް ސޮލްޝެއަރ ހަމަޖެއްސީ ވަގުތީ އެއްބަސްވުމެއްގެ ދަށުން ތިން މަހުގެ މުއްދަތަކަށެވެ. އެހެން ނަމަވެސް އެ ތިން މަސްދުވަހުގެ ތެރޭގައި ސޮލްޝެއަރ ގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑުން ހޯދަމުން އައި ރަނގަޅު ނަތީޖާތަކުގެ ސަބަބުން ޔުނައިޓެޑުން ނިންމީ އޭނާއަށް އިތުރު ތިން އަހަރުގެ އެއްބަސްވުމެއް ދޭށެވެ. އެގޮތުން ސޮލްޝެއަރ ގެ އެއްބަސްވުން 2024 ވަނަ އަހަރާއި ހަމައަށް އާކުރިއެވެ.

ސޮލްޝެއަރ ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އަދި މީގެ އިތުރުންވެސް ޔުނައިޓެޑުން ހޯދަމުން އަންނަ ނަތީޖާތަށް ރަނގަޅު ނަމަ އިތުރު އެއް އަހަރަށް ސޮލްޝެއަރ އާއި އެކު އެއްބަސްވުން އާކުރުމަށް ވެސް ޔުނައިޓެޑުން ކުރިން ވަނީ ނިންމާފައެވެ. ނަމަވެސް މިފަހަރުގެ ސީޒަނުގެ ކުރިޔައް އޮތް ތަނުގައި ޔުނައިޓެޑުގެ ނަތީޖާ ރަނގަޅު ނުވެއްޖެ ނަމަ ސޮލްޝެއަރ މަގާމުން ވަކިކުރުމަށް ޔުނައިޓެޑްގެ ބޯޑުން މަޝްވަރާތައް ކުރަމުން ގެންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑް 11 މެޗެއް ކުޅެފައިވާއިރު، މޮޅުވެފައިވަނީ އެންމެ ފަސް މެޗުންނެވެ. ހަތަރު މެޗުން ބަލިވެފައިވާއިރު، ދެމެޗުން ވަނީ އެއްވަރުވެފައެވެ.

ޔުނައިޓެޑް މިވަގުތު އޮތީ ލީގު ތާވަލްގެ ހަ ވަނާގައި17 ޕޮއިންޓާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް