ޓުވާލޫގެ ފިނޭންސް އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓަރ، ރައީސް ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޓުވާލޫގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ކްލައިމެޓް ޗޭންޖް، ހިސް އެކްސެލެންސީ ސެވޭ ޕިނިއު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މިއަދު...

18 Nov 2021 | 11:39

ޓުވާލޫގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ކްލައިމެޓް ޗޭންޖް، ހިސް އެކްސެލެންސީ ސެވޭ ޕިނިއު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު މެންދުރުކުރި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓުވާލޫގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ކްލައިމެޓް ޗޭންޖް އަށް މަރުޙަބާ ވިދާޅުވެ މިއަހަރު ގްލާސްގޯގައި ބޭއްވި ކޮޕް26 ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ކަންތައްތަކާއި ގުޅޭގޮތުން، އަޑުއުފުލުމުގައި ޓުވާލޫ ސަރުކާރުން ކޮށްދެއްވާފައިވާ ގިނަގުނަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓުވާލޫގެ ކޯވިޑް-19ގެ ޙާލަތު އޮޅުންފިލުއްވައި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމާއި، މަސްވެރިކަން ފަދަ ތަފާތު މައުޟޫޢުތަކަށް މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޓުވާލޫގެ މިނިސްޓަރ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ތަޢުރީފުކުރައްވައި، ކޮޕް26 ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޓުވާލޫގެ މިނިސްޓަރ ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް