އުތުރުގެ މައި ހޮސްޕިޓަލް ކުޅުދުއްފުށީ ހޮސްޕިޓަލް (ކޭއާރުއެޗް) ގައި 21 ކޮންސަލްޓޭޝަން ރޫމާއެކު އައު އޯޕީޑީ އިމާރާތެއް އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ( އެމްޓީސީސީ) އާއި އެކު މިއަދު އެއްބަސް ވުމުގައި ސޮއި ކޮށްފި އެވެ.
މިނިސްޓްރީ އޮފް ހެލްތުން ބުނީ އަލަށް އިމާރާތްކުރާ އޯޕީޑީ އިމާރާތުގައި 21 ކޮންސަލްޓޭޝަން ރޫމާއި އެކު އައު ކާޓިއެކް ސެންޓަރެއް ހިމެނޭނެ ކަމަށެވެ. އަދި މި އިމާރާތުގައި ރިސެޕްޝަން އޭރިޔާ އަކާއި ވެއިޓިންގ އޭރިޔާ އެއް ވެސް ހިމެނޭނެ ކަމަށް ބުންޏެވެ.
ހެލްތް މިނިސްޓްރީގެ ފަރާތުން މި ޕްރޮޖެކްޓް ގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތް އަހްމަދު އާދިލް އެވެ. އެމްޓީސީސިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.
މިއީ މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން 180 ދުވަހުގެ ތެރޭގައިި ނިންމާ ހަވާލު ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 20.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޭއާރްއެޗް އަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ޚާއްސަ ދާއިރާތަކުން ސްޕެޝަލައިޒް ޑޮކްޓަރުން މަސައްކަތް ކުރައްވާ ހޮސްޕިޓަލެކެވެ. އަދި ބޮޑެތި އޮޕަރޭޝަންތަކާއި ކުދި އޮޕަރޭޝަންތަކުގެ ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލެކެވެ.
2020 ވަނަ އަހަރު އެކަނިވެސް ރާއްޖޭގެ 184 ރަށެއްގެ 101،362 މީހުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާފައި ވެއެވެ. އަދި މިއީ އުތުރުގެ އަތޮޅުތަކުން އެންމެ ގިނަ ކޯވިޑް ސާމްޕަލްވެސް ޓެސްޓް ކުރާ ހޮސްޕިޓަލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް