50 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ ޑޯޒު ދޭން ފަށަނީ

ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 50 އަހަރުން މަތީގެ މީހުންނަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކޮވިޑްގެ ބޫސްޓަރ ޑޯޒު ދޭން ފަށާނެކަމ...

18 Nov 2021 | 09:28

ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 50 އަހަރުން މަތީގެ މީހުންނަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކޮވިޑްގެ ބޫސްޓަރ ޑޯޒު ދޭން ފަށާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ބޫސްޓަރ ޑޯޒުގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

އެޗްޕީއޭ އިން އެންމެ ފުރަތަމަ ވެކްސިންގެ ބޫސްޓަރ ޑޯޒު ޖަހަންފަށާފައިވަނީ 60 އަހަރުން މަތީގެ މީހުންނަށާއި ދިފާއީ ބާރު ދެރަ މީހުންނާއި ފްރޮންޓް ލައިން ގައި މަސައްކަތް ކުރައްވާ ސިއްހީ ހިދުމަތް ތެރިންނަށެވެ.

އެޕޮއިންޓްމެންޓާއި ނުލާވެސް އޭޑީކޭ އަދި އައިޖީއެމްއެޗް އިން ޝަރުތު ހަމަވާ ފަރާތްތަކަށް ވެކްސިންޖަހައި ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމުގައި އެޗްޕީއޭ އިން ވިދާޅުވެފައި ވެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ މިމަހުގެ 20 ވަަނަ ދުވަހުން ފެށިގެން 50 އަަހަރުގެ މީހުންނަށް ބޫސްޓަރ ޑޯޒު ޖަހަން ފަށާނެ ކަމުގައެވެ.

އެޗްޕީއޭ އިން އިތުރަށް ވިދާޅުވި ގޮތުގައި ބޯސްޓަރ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހޭނެ އެވެ. މީގެ އިތުރުން ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ވެސް ބޫސްޓަރ ޑޯޒް ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒު  395،195 މީހަކު ޖަހާފައިވާ އިރު  361،391 މީހަކު ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވެއެވެ. އަދި 5،390  މީހަކު ވެކްސިންގެ ބޫސްޓަރ ޑޯޒު ޖަހާފައިވެއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް