ކޮރަޕްޝަނަށް މަގުފަހިވާ އެންމެ ބޮޑު އެއް މައްސަލައަކީ ތަނުގެ ހިންގުންތެރިކަން ދަށްވުން ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލަ ފެންމަތިވެ، އެ މައްސަލައިގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން ނެވެ. އަދި އޭނާ ހެލްތު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެ މިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަންގެ އަޑުތައް ގަދަވެފައިވާ ކަމަށެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާ އެންމެ ބޮޑު ކަމެއްގެ ފުރަތަމަ ބެލެވުނީ ކުންފުނިތަކާއި ހެލްތު މިނިސްޓްރީއާ އޮންނަ ގުޅުންތަކަށް ކަމަށާއި އެކަން ބަލައި ދިރާސާ ކުރެވި، މިހާރުވަނީ ފިޔަވަޅުތައް އަޅާފައި ކަމަށެވެ.
"ކޮރަޕްޝަނަށް މަގުފަހިވާ އެންމެ ބޮޑު އެއް މައްސަލައަކީ ތަނުގެ ހިންގުންތެރިކަން ދަށްވުން. އެހެންކަމުން ހިންގުން ރަނގަޅު ކުރަން ޖެހޭ. އެހެންވެ، ހިންގުން ރަނގަޅުކުރުމަށް ދިރާސާއެއް މިހާރުވަނީ ހަދާފަ." މިނިސްޓަރ ނަސީމް ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ އެ ދިރާސާގެ އަލީގައި ހިންގުން ރަނގަޅު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މަޑު މަޑުން އަޅަމުން އަންނަ ކަމަށާއި މިހާރު އެންމެ ބޮޑު މަގުސަދަކީ މާލެ އާއި އަތޮޅު ތެރޭގައި ޓީމްވޯކް އިތުރުކުރުން ކަމަށެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ އެކަމުގެ ސަބަބުން މިނިސްޓްރީ ތެރެއިން އެއްކޮށް ކަރަޕްޝަން ނައްތައިލެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް