ވޮޑަމުލާގެ މައްސަލައިގާ ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ޗެކުގެ ނަމްބަރު ދިމާނުވޭ

ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ޗެކް ޑިޕޮސިޓް ސްލިޕުގައިވާ ނަންބަރާއި އެސްއޯއެފް ކުންފު...

18 Nov 2021 | 06:56

ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ޗެކް ޑިޕޮސިޓް ސްލިޕުގައިވާ ނަންބަރާއި އެސްއޯއެފް ކުންފުނީގެ ބޭންކް ސްޓޭޓްމަންޓުގައިވާ ނަންބަރު ދިމާނުވާތީ، ސުވާލު އުފެއްދިއްޖެ އެވެ.

މި ސުވާލު އުފައްދާފައިވަނީ މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

އެގޮތުން އެ މައްސަލައިގެ އަޑު އެހުން މިއަދު ފައްޓަވަމުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއީ މައްސަލާ ބަލަމުން ދިޔައިރު ފާހަގަވި ކަމަކާ ގުޅޭ ގޮތުން ބައެއް ކަންކަން ސާފުކުރުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ.

މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރަމުން ދިޔަ އިރު، ފައިސާއާ ގުޅޭ ޑިޕޮސިޓް ސްލިޕްގައިވާ ޗެކް ނަންބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓުގައިވާ ނަންބަރާ ދިމާނުވާކަން ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވި އެވެ.

އެހެންކަމުން ބެންޗުން ވަނީ ޗެކު ނަމްބަރު ދިމާނުވަނީ ކީއްވެތޯ އާއި އެއީ މައްސަލައިގައި ވާހަކަދެކެވޭ އެއް މިލިއަން ޑޮލަރުގެ ޗެކުތޯ ދައުލަތާ ސުވާލު ކުރައްވާފަ އެވެ.

އެކަމަށް ޖަވާބުދާރީވަމުން ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދު ނައުފަލް ވިދާޅުވީ އެ ޗެކަކީ ޔާމީންގެ އެކައުންޓަށް ޖަމާވި ކަމަށް ވާހަކަ ދެކެވޭ ޗެކު ކަމަށާއި ޔާމީނަށް ޗެކް ޖަމާކުރި ޑިޕޮސިޓް ސްލިޕާއި އެކައުންޓް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރު ދިމާނުވާކަން އެނގުނީ ދައުވާކުރި ފަހުން ކަމަށެވެ.

ނަމަވެސް ބީއެމްއެލް އިން ހޯދާފައިވާ އެ ޗެކްގެ ތާރީޚާއި އަދަދު ދިމާވާތީ ޗެކު ނަންބަރު އޮޅިފައި ވަނީ ބޭންކުން ޗެކް ނަންބަރު އެންޓަރކުރުމުގައި ދިމާވި އޮޅުމަކުން ކަމަށް ބެލެވޭ ކަމަށާއި އެ ނަންބަރު ދިމާނުވާކަން، މައްސަލައިގައި ދައުވާކުރި އިރުވެސް ދައުލަތަށް އެނގޭތޯ ފަނޑިޔާރު މަހާޒު ސުވާލު ކުރެއްވުމުން ދައުލަތުން ވިދާޅުވީ، ދައުވާ ކުރި އިރު އެކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުންނަށް ބެންޗުން ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކޮންމެ ވަކީލަކީ ވަކި ދައުލަތެއް ނޫން ކަމަށާއި ދައުލަތަށް ލިބިފައި ހުރި ލިޔުންތަކަކީ ދައުލަތަށް ލިބިފައިހުރި ލިޔުންތަކެއް ކަމަށެވެ.

"އެހެންކަމުން އެއީ އޮޅުމެއް ކަމަށް ދައުލަތަށް ނުބުނެވޭނެ. މިކަމުގައި ދައުލަތުގެ އިހުމާލެއް އޮތްކަން ސާފުވޭ." ވަކީލު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު މަހާޒް ވިދާޅުވީ ކުރިންވެސް ނިންމާފައިވާ ގޮތަށް، އަންނަ މަހު ސުޕްރީމް ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން މައްސަލާގައި ހުކުމް ކުރައްވާނެ ކަމަށެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ދުވަހުގެ އަޑުއެހުން ނިންމާލާފައިވަނީ އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އިއުލާނުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް