ދިވެހިރާއްޖޭގައި މަލްޓި ޕާޓީ ވެރިކަން ކުރަން ފެށީއްސުރެ، ރައްޔިތުންގެ އަޑު ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ގެންދިއުމުގެ ފުރުސަތު ލިބިފައިވަނީ ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައިކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. އަދި ދެބަސްވެވެން ވެސް އޮތް ކަމެއް ނޫނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ވެސް އިގްތިސާދީ އަނދަވަޅަކަށް ވެއްޓުނު އިރު، ރާއްޖެ ވެސް މި އަނދަވަޅަށް ވެއްޓުނެވެ.
ނަމަވެސް ރައީސް ސޯލިހުގެ ހިކުމަތު އަމަލީގެ ސަބަބުން މުޅި ދުނިޔެއަށް ނަމޫނާ ދައްކާ، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާ "ސޭފް ޓޫރިޒަމް" ގެ ދަށުން ރާއްޖެ މުޅި ދުނިޔެއަށް އިޝްތިހާރުކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ ފަތުރުވެރިކަން މަޑުމަޑުން އިޢާދަވަމުން އަންނަން ފެށުމެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ފާއިތުވި 3 އަހަރުތެ ތެރޭގައި ކުރިން ހިފެހެއްޓިފައިއޮތް އެއްވެ އުޅުމާއި، މުޒާހަރާ ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާ، ޚިިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ވަނީ ފުރިހަމައަށް ދީފަ އެވެ.
ނަތީޖާއަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖޭން ކުރި ހޯދަމުން ދިއުމެވެ.
މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގެ ތަރައްގީއަށް ވެސް ރައީސް ސޯލިހުގެ ސަރުކާރުން ދިޔައީ އިސްކަންދީ ކަންކަން ކުރައްވަމުން ނެވެ.
އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހުއްޓުމެއްނެތި މިހާރުވެސް ކުރަމުންދާ އިރު، ރާއްޖޭގައި އެކިއެކި ދާއިރާތަކުން ޖުމްލަ 1,324 މަޝްރޫއު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އަދި މިހާރުވެސް 323 މަޝްރޫޢު އެކި ކަންކޮޅުތަކުގައި ދަނީ ކުރިއަށެވެ.
115 މަޝްރޫއެއްގެ މަސައްކަތް މުޅިން ނިމި އެކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބެމުންދާ އިރު، އިތުރު 114 މަޝްރޫއެއް ވަނީ ޓެންޑަރ ކޮށްފައެވެ. އަދި 35 މަޝްރޫއެއް އެވޯޑް ކޮށްފައިވާ އިރު، 178 މަޝްރޫއެއް ޑިޒައިންކުރުމުގެ މަރުހަލާގައި ވެއެވެ.
ފެނާއި ނަރުދަމާގެ 36 މަޝްރޫއަކާއި ރަށްރަށުގެ ބަނދަރު ހެދުމާއި ބަނދަރު މަރާމާތުކުރުމާއި ފާލަންތައް ހެދުމުގެ 68 މަޝްރޫޢަކާއި ރަށްރަށުގެ ބިން ހިއްކުމުގެ 3 މަޝްރޫޢަކާއި މަގު ހެދުމުގެ 12 މަޝްރޫއެއް މިހާރުވެސް ދަނީ ހިނގަމުން ނެވެ.
މީގެ އިތުރުން ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ 13 މަޝްރޫޢަކާއި ޞިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ 28 މަޝްރޫއެއް ފަށައިގެން ކުރިއަށްދާ އިރު، ތައުލީމީ ދާއިރާގެ 41 މަޝްރޫއަކާއި ކުޅިވަރުގެ ދާއިރާގެ 111 މަޝްރޫއެއް މިހާރުވެސް އެކި މަރުހަލާތަކުގައި އަންނަނީ ހިނގަމުން ނެވެ.
އަތޮޅުތަކުގެ ރަށްތައް ތަރައްޤީކުރުމުގައި ފާއިތުވި ސަރުކާރުތަކުން ހޯދާފައިނުވާ ފަދަ ކުރިއެރުމެއް މިސަރުކާރުން ވަނީ ކުރި ހޯއްދަވާފަ އެވެ.
ޚާއްސަކޮށް ތަޢުލީމީ ޞިއްޙީ ދާއިރާއިން މާލެއާ އެއްފެންވަރުގެ ޚިދުމަތް ބައެއް ރަށްރަށުން ލިބޭކަމީ ރައްޔިތުންނަށް ލިބޭ އެންމެބޮޑު އެއް އުފަލެވެ. އަދި އަތޮޅުތަކުގެ ސްކޫލްތަކުގެ ނަތީޖާތަކާއި އަތޮޅުތަކުގެ ބައެއް ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތްތަކުން މިކަމުގެ ހެކި ވެސް ދަނީ ފެންނަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް