ނޯބަލް ސުލްހައިގެ އިނާމު ހާސިލް ކޮށްފައިވާ ޕާކިސްތާނުގެ މަޝްހޫރު މަލާލާ ޔޫސުފްޒައި ކައިވެނި ކުރުމާއި ދެކޮޅަށް ދެއްކި ވާހަކަތައް ބަދަލުކޮށް ދިފާއު ކޮށްފި އެވެ.
މަލާލާ ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ކައިވެނި ކޮށްފަ އެވެ. އުމުރުން 24 އަހަރުގެ މަލާލާ ކައިވެނި ކުރީ ޕާކިސްތާނުގެ ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޖެނެރަލް މެނޭޖަރު އައްސަރް މާލިކާއެވެ.
ކައިވެނި ކުރުމުގެ ކުރިން މިދިޔަ ޖުލައި މަހުގެ ތެރޭގައި މަލާލާ ބުނެފައިވަނީ ކައިވެނި ކުރުމުގެ ބޭނުން އޭނާއަށް ނޭނގޭ ކަމަށެވެ. މަލާލާ ބުނީ ކައިވެނި ކުރުމުގެ ގޮތުން ކޮންމެހެން ލިޔުމެއްގައި ސޮއިކޮށް އެއްބަސްވުންތަކެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށާއި އޭގެ ބަދަލުގައި ހަޔާތުގެ ބައިވެރިޔާ އާއިއެކު އެކުގައި އުޅެވިދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
މި ވާހަކަތަކާއި ގުޅިގެން މުސްލިމުންނާއި ޕާކިސްތާނު ރައްޔިތުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އޭނާ އެފަހަރު މައާފަށް އެދުނެވެ.
އިއްޔެ އަނެއްކާވެސް މަލާލާ ވަނީ އޭނާ ކައިވެނި ކުރުމާއި ބެހޭ ގޮތުން ދެއްކި ވާހަކަ ތަފްސީލް ކޮށްދެނީ ކަމަށް ބުނެ ވާހަކައެއް ދައްކާފަ އެވެ.
މަލާލާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކައިވެނި ކުރުމުގައި އޭނާގެ ކަންބޮޑުވުމަކީ ކުޑަކުދިން ކައިވެނި ކުރުވުމާއި ވަރި ގިނަވުން ކަމަށެވެ. އަދި އަންހެނުންގެ ބާރުވެރިކަން ކުޑަވުމަކީ އޭނާގެ ކަންބޮޑުވުންތައް ކަމަށް ބުނެފައިވެ އެވެ. މަލާލާ ބުނީ ކައިވެނި ކުރުމުގެ ބޭނުން ނޭނގޭ ކަމަށް ބުނީ އެ ކަންކަމަށް ރިއާޔަތްކޮށް ކަމަށެވެ.
އެ އިންޓަވިއުގައި ބުނީ އޭނާގެ ފިރިމީހާ އަކީ އެކަހަލަ މީހެއް ނޫން ކަމަށެެވެ. އައްސަރާއި ގުޅޭގޮތުން ބުނީ އެއީ ދަންނަ އަދި މަލާލާއަށް ައިހުތިރާމް ކުރާ މީހެއް ކަމަށެވެ.
މަލާލާ އަކީ ނޯބަލް ސުލްހައިގެ އިނާމު އެންމެ ހަގު އުމުރުގައި ހޯދި މީހާ އެވެ. އޭނާއަށް އެ އިނާމު އުމުރުން 17 އަހަރުގައި ލިބުނީ އަންހެން ކުދިންގެ ތައުލީމަށް އޭނާ ކުރަމުންދާ ވަކާލާތާއި ގުޅިގެންނެވެ.
އޭނާ ދުނިޔެއަށް މަޝްހޫރުވީ އުމުރުން 15 އަހަރުގައި އަންހެން ކުދިންނަށް ތައުލީމު ދިނުމަށް ވަކާލާތު ކުރާތީ ތޯލިބާނުން އޭނާގެ ބޮލަށް ބަޑި ޖެހުމުންނެވެ. ގިނަ އޮޮަޕަރޭޝަންތަކެއް ކޮށްގެން މަލާލާ ސަލާމަތްވީ އިނގިރޭސިވިލާތުން ފަރުވާ ހޯދައިގެންނެވެ. އޭގެ ފަހުން އޭނާގެ އާއިލާ ދިރިއުޅެމުންދަނީ އެ ގައުމުގައި އެވެ.
އަދި މަލާލާ މިހާރު ވަނީ އޮކްސްފޯޑު ޔުނިވާސިޓީން ޑިގްރީ ހާސިލްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް