ކަނޑުގަދަ ވަގުތެއްގައި މާލެ ފަޅަށް ވަންނަން ދަތުރުކުރަމުންދިޔަ ފެރީއެއް - ފައިލް ފޮޓޯ: ދުވަސް
ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ކަނޑުތައް
ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން
މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ
ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި
ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު
ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
"އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށް
ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
ވައިގެ ބާރުމިނަށް ބަލައިލާއިރު ހުޅަނގާއި ހުޅަނގު
އުތުރުން، ދެކުނާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި
ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭޅާއި 23 މޭލާއި
ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބުނެފައިވެއެވެ.
"ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40
މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މެޓުން މިއަދު މިހެން ބުނެފައިވާއިރު ރާއްޖެ
ސަރަހައްދަށް އަދިވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވައި ބާރުވުމާއި އެކު
ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީވެ، އެންމެން އަދި ޚާއްޞަކޮށް
ދަތުރުވެރިން، މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް
ސަމާލުވުމަށް ދަންނަވާކަމުގައި މެޓުން ބުނެފައިވެއެވެ.
މެޓުން އެ ސަމާލު ނެރުނު މުއްދަތަކީ އިއްޔެއން
ފެށިގެން ހޯމަ ދުވަހުގެ މުއްދަތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް