އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އައްޑޫ ސިޓީ ހުޅުމީދޫގެ ކަނބަލުންނަށް ކަސްރަތު ޕްރޮގްރާމެއް ހިންގައިފިއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮކްޓޫބަރު 17 ވަނަ ދުވަހުގެ ރޭ ސ.އަތޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މި ޕްރޮގްރާމްގައި ވަނަވަނައަށް އައި ފަރާތްތަކާއި، ޕްރޮގްރާމްގައި ހަރަކާތްތެރިވި މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލްކޮށްދެއްވީ ހުޅުދޫ ކައުންސިލަރ، ޙުސައިން ފާއިޒުއްރަޙްމާންއެވެ.
މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން މި ޕްރޮގްރާމް ހިންގާފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ހަނދާނީ ފިލައެއް ވަނީ ދެއްވާފައެވެ. މި ފިލާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ހަވާލްކޮށްދެއްވީ އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ، އައިމިނަތު ޞާލިޙާއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެސް 3، ކެޕްޓަން ނާމިލް ޢަބްދުލްޤަފޫރާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ކޮމާންޑަރ، ފަސްޓް ލެފްޓިނެންޓް ފާރިޝް ހަނީފްއެވެ.
ސެޕްޓެންބަރު މަހުގެ 12 އިން އޮކްޓޫބަރު 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އައްޑޫ ސިޓީ ހުޅުމީދޫއިން 46 ކަނބަލުން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް