ޖުވާއަކީ މީހާގެ އަތްމަތި ދަތިކޮށް، ދަރަނިވެރިކޮށް މީހާ ބަނގުރޫޓުކޮށްލާކަމެއް ކަން ހުކުރު ޚުޠުބާގައި ފާހަގަކޮށްފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ "ޖުވާކުޅުމަކީ ޙަރާމް ކަމެއް" މި މަޢުލޫ އެވެ.
ޚުޠުބާ ފަށަމުން ފާހަގަކޮށްފައިވަނީ اللهُ سُبُحَانَهُ وَتَعَالَى އެކަލާނގެ މާތް ފޮތުގައި ވަނީ ޖުވާގެ ހުރިހައި ބާވަތްތަކެއް ޙަރާމްކުރައްވައިފައި ކަމަށާއި އެކަލާނގެ ބަޔާންކުރައްވައިފައިވާ ގޮތުގައި އެއީ ޝައިޠާނާގެ ހަޑި ހުތުރު ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.
"ޖުވާއަކީ ދެމީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރެއް، މި ކުޅިވަރުގައި ބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުޠުކުރޭ، އެއީ މީސްތަކުންގެ މުދާ ޙަރާމް ގޮތުގައި ކެއުމެކެވެ. މިއީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ޙަރާމްކުރައްވައިފައިވާ ކަމެއް" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
މީސްތަކުންގެ މުދާތަކަށް ނުޙައްޤުން އަރައިގަތުމަށާއި ބާޠިލު ގޮތުގައި އެތަކެތި ކެއުމަށް ޓަކައި މިއަދު ވަނީ ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދާފައިވާކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ ޙައްޤަކާ ނުލައި މީހުންގެ ފައިސާ ކެއުމަށް ޓަކައި މާއްދިއްޔަތުގެ އަޅުން ވަނީ ތަފާތު ބާވަތްބާވަތުގެ އުކުޅުތައް ބޭނުންކުރާން ފަށާފައިވާކަމަށާއި ޖުވާ ޙަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމަޢަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުން ކަމަށެވެ.
"އޭގެ ތެރޭގައި ޖުވާކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތައް ފާހަގަކުރެވޭ، ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ޙައްޤުތަކާއި ވާޖިބުތައް ދޫކޮށްލާ، ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވޭ، މީގެ އިތުރަށް ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެއް، އެހެނީ ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައި، ނަމަވެސް ހެޔޮ ގޮތަކީ ޙަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުން" ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުޠުބާގައި ބުނެފައިވަނީ ޖުވާކުޅުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެއްކަމަށާއި އެ ކަމުގެ ސަބަބުން ދަރަނިވެރިވުމާއި، ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށްވުން ހިމެނޭކަމަށެވެ. ޖުވާ ކުޅުމުގެ ސަބަބުން ތިމާގެ ލޮބުވެތި ޢާއިލާ ޚަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތި ވާކަމަށާއި އަދި ނަފްސާނީ މައްސަލަތައް ކުރިމަތިވެ، އަމިއްލަ ފުރާނަ ވެސް ދުއްވައިލާކަންވެސް ފާހަގަކޮށްފައިވެއެވެ.
ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުން ހިމެނޭއިރު އެކިއެކި މުބާރާތްތަކާއި ރޭސްތައް ބާއްވާ އިރު މިވެނި ޓީމެއް ނުވަތަ މިވެނި ފަރާތެއް މޮޅުވާނެކަމަށް ބުނެ، އެ ޓީމެއް ނުވަތަ އެ ފަރާތެއް ދެރަވެއްޖެ ނަމަ އޭނާ ބާޖުމެރުމަށް ނުވަތަ ހަރާދުކިޔުމަށް ބެހެއްޓި ފައިސާކޮޅު ގެއްލޭނެކަން ފާހަގަކޮށްފައިވެއެވެ.
"މިއަދު ބައެއް ޤައުމުތަކުގައި ޖުވާ ވަނީ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފައި، ލޮޓަރީއާއި ޖެކްޕޮޓްފަދަ ޖުވާގެ ޒަމާނީ ބާވަތްތައް، މި ކަމަށް ޓަކައި ޚާއްޞަ ނާދީތަކާއި މަރުކަޒުތައް ވަނީ ޤާއިމުކޮށްފައި، މި ތަންތަނަށް މުއްސަނދީންނާއި ފަޤީރުން ވަދެ އެ ޙަރަކާތްތަކުގައި ބައިވެރިވޭ، މިފަދަ މުންކަރާތްތަކުގައި ބައިވެރިވުމަށް ދަތުރުހަދައިގެން ވެސް ދޭ، ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އިބިލީހުގެ މި އަނދަވަޅުތައް ކޮންނަމުންދަނީ މުސްލިމުންގެ ދީނީ ޝިޢާރުތަކާ ދުރުހެލިކޮށް ޝައިޠާނާގެ އެކުވެރީންނަށް ހެދުމަށް ޓަކައި، މީހުންގެ ހިތްތައް ވަނީ މި ޚިޔާލީ ބޮޑު ނަފާގެ ދަޅައިގައި ޖައްސައި އާވާރާކުރުވައިފައި" ޚުޠުބާގައި ބުނެފައިވެއެވެ.
އަހަރެމެންނާއި އަހަރެމެންގެ އަނބިދަރިންނަށް ދެވޭ ތަކެއްޗަކީ ޙަލާލު ގޮތުގައި ހޯދައިފައިވާ ތަކެތިކަމުގައި ހަދުމަށް ގޮވައިލަމުން ޚުޠުބާގައި ފާހަގަކޮށްފައިވަނީ މިހާރަކަށް އައިސް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާކުޅުން ދަނީ ޢާންމުވަމުންކަމަށާއި އޭގެ ތެރޭގައި ޖުވާކުޅޭ ވެބްސައިޓުތަކާއި، ގޭމުތަކާއި، އެޕުތައް ހިމެނޭކަމަށެވެ. މިވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންނާއި ކިޔަވާކުދިން ވެގެން ދާކަމީ ނުހަނު ހިތާމަހުރިކަމެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ މި ކަންކަމުން ދަރީން ސަލާމަތްކުރުމަށް ޓަކައި ބެލެނިވެރީން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް