ޓެރެރިސްޓް ހަމަލާތަކެއްގެ އިންޒާރުގެ އީމެއިލް އާ އެކު ފްރާންސްގެ ހަ އެއާޕޯޓެއް މިދިޔަ ބުދަ ދުވަހު ހުސްކޮށްފި އެވެ.
ފްރާންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ، ޑައިރެކްޝަން ޖެނެރަލް ޑި އެލް އޭވިއޭޝަން ސިވިލް އިން ވަނީ ބޮމުގެ އިންޒާރުތައް ލިބިފައިވާކަން ކަށަވަރުކޮށްދީ، ލިލް، ލިޔޯން، ޓޫލޫސް އަދި ބިއުވައިސްގައި އެއާޕޯޓުތައް ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
ޕެރިސް ސަރަހައްދުގައި ރަޔަންއެއާ އާއި އަގު ހެޔޮ އެހެން އެއާލައިންތަކުގެ ހަބެއް ކަމަށްވާ ބިއުވައިސް އެއާޕޯޓުން އެ އެއާޕޯޓުގެ ފޭސްބުކް ސައިޓުގައި ނެރުނު މެސެޖެއްގައި ބުނެފައި ވަނީ ގިނަ އެއާޕޯޓުތަކަކަށް "ނަން ނޭނގޭ އިންޒާރެއް" ލިބިފައިވާ ކަމަށެވެ.
މި އިންޒާރު ލިބިފައި މިވަނީ ޖަރުމަނުވިލާތުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގެ ސިނަގޯގަށް ބުދަ ދުވަހުގެ ފަތިހު މޮލޮޓޮވް ކޮކްޓެއިލްތަކުން ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ.
މެންދުރުގެ ވަގުތެއްގައި ޓޫލޫސް، ލިލީ އަދި ބިއުވައިސްގައި ފްލައިޓް ޑިލޭވި ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. މީގެ އިތުރުން ލިލީ އެއާޕޯޓުން ވަނީ މަރަކޭޝް، ޖެނީވާ އަދި ކޮންސްޓަންޓައިންގެ ފްލައިޓްތައް ރީޑައިރެކްޓްކޮށްފަ އެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ޔޫރަޕް އޮތީ ހައި އެލާޓަށް ވެއްޓިފަ އެވެ. އިނގިރޭސިވިލާތުގެ ދާޚިލީ އެމްއައި5 ޖާސޫސީ އިދާރާގެ ވެރިޔާ ވަނީ ހަނގުރާމައިގެ ސަބަބުން އިނގިރޭސިވިލާތުގެ ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައިވާ ކަމުގެ އިންޒާރު ދީ، އީރާން އޮތީ ކަންބޮޑުވާންޖެހޭ ހާލަތެއްގައި ކަމަށް ސިފަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް