މިސްރާއި ވީ ފަޅިން (ރަފާ ބޯޑަރު) ސަރަހައްދުން ގާޒާއަށް އިންސާނީ އެހީ އެތެރެކުރުމުގެ ފުރުސަތު ދެވިދާނެ ކަމުގައި އިޒްރޭލު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިހެން ބުނެފައިވަނީ ދެންމެ ނެރުނު ސްޓޭޓްމަންޓެއްގައެވެ.
އެ ސްޓޭޓްމަންޓްގައި ބުނެފައިވަނީ އިންސާނީ އެހީ ގާޒާއަށް އެތެރެކުރުމަށް ފުރުސަތު ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން މިއަދު އެ ގައުމު ކުރެން އެދިފައިވާއިރު މިސްރާއި ވީ ފަޅިން އިންސާނީ އެހީ ވަނުން އިޒްރޭލުން ނުހުއްޓުވާނެ ކަމަށެވެ.
އެހެން ނަމަވެސް އިޒްރޭލާއި ވީ ފަޅިން އެފަދަ އެއްވެސް ފުރުސަތެއް ދޭނީ ހަމާސް އިން ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ގާޒާއަށް ގެންގޮސްފައިވާ އިޒްރޭލު ރައްޔިތުން ދޫކޮށްލުމުން ކަމަށެވެ.
މިސްރާއި ވީ ފަޅިންވެސް އެތެރެކުރުމުގެ ފުރުސަތު ދެވޭނީ ޒަރޫރީ ބޭހާއި ފެނާއި ކާބޯތަކެތި އެކަނި ކަމަށްވެސް އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރެފައިވާ އެ ސްޓޭޓްމަންޓްގައި ބުނެފައިވެއެވެ.
އެހެން ނަމަވެސް އެ ފުރުސަތު ހުޅުވާލާނެ އިރެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް