ފެނަކައިގެ މައްސަލަތައް އެންޓިކޮރަޕްޝަން ކޮމިޝަން )އޭސީސީ(އަށް ލުމުންވެސް އޭސީސީއިން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
އިލްޔާމް މިހެން ވިދާޅުވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ފެނަކައިން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަށް ކުރުމަށާއި ފެނަކައިގެން މެނޭޖްމަންޓް އައި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގަށް ބަހުސް ކުރައްވަމުންނެވެ.
އިލްޔާސް ވިދާޅުވީ އެ ގަރާރަށް ފުރިހަމައަށް ތާއިދު ކުރައްވާ ކަމަށެވެ.
އިލްޔާސް ވިދާޅުވީ، މައްސަލަ ހުރީ ހަމައެކަނި ފެނަކައިގައި ނޫން ކަމަށާއި، ސަރުކާރުން ހިންގާ، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މައްސަލަތައްވެސް ވަރަށް ބޮޑު ކަމަށެވެ.
އެގޮތުން، މީގެ ކުރިންވެސް އޭސީސީއަށް ފޮނުވި ބައެއް މައްސަލަތައް ހިމެނޭ ގޮތަށް އެކި ފަރާތްތަކުން ހުށަހެޅި މައްސަލަތައް ބަލަން ފެށުމުން މުޅި އޭސީސީ ބަދަލުކޮށްލީކަން ފާހަގަ ކުރައްވައި އިލްޔާސް ވިދާޅުވީ، އޭސީސީ ބަދަލު ކުރީ ފެނަކައިގެ މައްސަލަތައް ބަލަން ފެށުމުން ކަމަށެވެ.
"އޭސީސީން ނުކުމެ، ފެނަކައިގެ މިކަހަލަ މައްސަލަތައް މުޅި ރަށުތެރޭ ދެކެވެމުން ދާއިރު ނުބަލާ ތިބުން، އޭސީސީގެ އިހުމާލުވެސް އެބައޮތް" އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން އިލްޔާސް ވިދާޅުވީ، ފެނަކައާއި އާރްޑީސީގެ އޮޑިޓެއް ހަދައިދިނުމަށް މި އަހަރުގެ އޭޕްރީލް މަހުގައި މަޖިލީހުން އޮޑިޓަރ ޖެނެރަލްއަށް ދަންނަވާފައި ވާނެ ކަމަށެވެ. އަދި ޖޫން މަހުގެ ނިޔަލަށް ޑެޑްލައިން ދީނުމުންވެސް އެ އޮޑިޓް ނިމުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް އިލްޔާސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް