އިޒްރޭލުން މިރޭ ގާޒާގެ ހޮސްޕިޓަލަކަށް ވައިގެ މަގުން ހަމަލާތަކެއްދީ ފަލަސްތީނުގެ އެތައް ރައްޔިތަކު މަރާލައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާ ދީފައިވަނީ ގާޒާ ސިޓީގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގެ ގޯއްޗަށެވެ.
މި ހަމަލާގައި މަރުވި މީހުންގެ އަދަދުން މިހާތަނަށް ކަށަވަރުވާ އަދަދަކީ 500 އަށްވުރެ ގިނަ އަދަދެއް ކަމުގައި ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާއިރު ހޮސްޕިޓަލުގެ އިމާރާތްތަކުގެ ދަށުގައިވެސް އެތައް ބަޔަކު ތާށިވެފައިވާކަމާއި އަދިވެސް ބައެއް ތަންތަން އަނދަމުންދާކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާ އދގެ ސިއްހަތާއިބެހޭ ޖަމިއްޔާއިން ކުށްވެރިކޮށްފައިވާއިރު ކުރިއަށް އޮތް ތިން ދުވަހަކީ ފަލަސްތީނުގައި ހިތާމަ ފާޅުކުރާނެ ތިން ދުވަސްކަމުގައި ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް ވަނީ އިއުލާނުކޮށްފައެވެ.
މި ހަމަލާ އާއި ގުޅިގެން އިޒްރޭލުން ބުނެފައިވަނީ ހަމަލާ ދިނީ އިޒްރޭލުން ކަންވެސް އެމީހުންނަށް ޔަގީން ނޫން ކަމަށެވެ.
މި ހަމަލާއާއި ގުޅޭގޮތުން، މަސްރަހު ދިރާސާކުރާ މުރާސިލުން ބުނެފައިވަނީ މި ހަމަލާގެ އިތުރުން އދ އިން ފަލަސްތީނުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެމުން އަންނަ ސްކޫލަކަށްވެސް މިރޭ ހަމަލާ ދީފައިވާއިރު ހޮސްޕިޓަލާއި އެފަދަ ސްކޫލުފަދަ ތަންތަނަކީ "ސޭފް ޒޯންސް" ކަމުގައި މީގެ ކުރިން ބެލެވުނު ނަމަވެސް އިޒްރޭލުން ލާ އިންސާނީ ހަމަލާތައް ދިނުމުގައި ކޮންމެ އިމެއްވެސް ފަހަނައަޅާގޮސްދާނެކަން މި ހަމަލާތަކުން ސާފުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް