އޮގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)ން ތެޔޮ އުފައްދާ މިންވަރު މަދު ކުރަން ނިންމުމަށް ދިވެހި ސަރުކާރުން ތާއީދު ކޮށްފި އެވެ.
އެ ޖަމާއަތުން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ދުވާލަކު އުފައްދާ ތެލުގެ މިންވަރު ދެ މިލިއަން ފީފާއަށް މަދު ކުރާށެވެ. މި ނިންމުމަމީ ދުނިޔޭގައި ބާޒާރުގައި ތެލުގެ އަގު މައްޗަށް ނުދާނެ ގޮތެއް ހެދުމަށް ކަމަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ ނިންމި މި ނިންމުމާއި ގުޅޭގޮތުން ބުނެފައިވެ އެވެ.
ދިވެހި ސަރުކާރު ފަރާތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އޯޕެކް ޕްލަސް ޤައުމުތަކުން މިމަހު ފަސް ވަނަ ދުވަހު ނިންމި ނިންމުމަށް ދިވެހި ސަރުކާރުން ތާއީދު ކުރާ ކަމަށެވެ. އަދި އެ ނިންމުމުގައި ރާއްޖެ އޮތީ ސައުދީއާއެކު ކަމަށް ބުނެފައިވެ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ އޯޕެކް ޕްލަސް އިން ތެޔޮ އުފައްދާ މިންވަރު މަދު ކުރުމަށް ނިންމި ނިންމުމަކީ ދުނިޔޭގެ އިގްތިސާދީ ހާލަތާއި ތެލުގެ ބާޒާރާއި އެހެނިހެން ފަންނީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމަކީ ސިޔާސީގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ނުކުރާ ކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖެ ފަދަ ހަކަތަ އިމްޕޯޓްކުރުމަށް ބަރޯސާވެފައިވާ ކުޑަ ގައުމަކަށް ދުނިޔޭގެ ހަކަތަ ބާޒާރުގެ ހަމަޖެހުމާއި ރައްކާތެރިކަން ލިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ދުނިޔޭގެ އިގްތިސާދު ކުރިއަރުވައި، ހަރުދަނާކުރުމަށް ސައުދީއިން ކުރާ މަސައްކަތްތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގަ އެންމެ ބޮޑަށް ރުޅި އައިސްގެން އުޅެނީ އެމެރިކާ އެވެ. އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ސައުދީއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް