މާލޭ ސިޓީ ކައުންސިލުން ހުޅުވި ގަސް ފިހާރަ "މާލެ ފެހި" އަށް ފިޔަވަޅު އަޅަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ ފިހާރަ ހުޅުވުމުން ސަރުކާރަށް ތާއިދު ކުރާ މީހުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އޮކޮނޮމިކް މިނިސްޓްރީން މީޑިއާގައި ބުނީ މާލެ ސިޓީ ކައުންސިލުން ފިހާރައެއް ހަދައިގެން ގަސް ވިއްކަމުން ދަނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްގެން ނޫން ކަމަށެވެ. އެ މިނިސްޓްރީން ބުނީ ސިޓީ ކައުންސިލަށް ވިޔަފާރި ކުރެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ކަމަށެވެ.
ވިޔަފާރި ހުއްދަ ނުނަގައި ވިޔަފާރި ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އޮންނަ އާންމު އުސޫލުގެ ތެރެއިން ސިޓީ ކައުންސިލަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ. އަދި ކައުންސިލްގެ އެ ވިޔަފާރީގެ ޝަކުވާވެސް މިނިސްޓްރީއަށް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
މިކަމާއި އެންމެ ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދަނީ މާލޭގައި ގަސް ވިއްކުމުގެ ވިޔަފާރި ކުރާ ކުދި ވިޔަފާރިވެރިންނެވެ. އެމީހުން ބުނަމުން ދަނީ ދައުލަތުގެ އިދާރާއަކުން މި ވިޔަފާރީގެ ތެރެއަށް ވަނުމުން އެމީހުންގެ ވިޔަފާރިތައް ފުނޑުފުނޑޫވާނެ ކަމަށެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އާންމުންނަށް ގަސް ގަނެވޭނެ ގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ މީހުންނަށް އެފުރުސަތު ފަހިވެގެންދާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދިނުމެވެ.
ސިޓީ ކައުންސިލްގެ "މާލެ ފެހި" އައުޓްލެޓްގައި 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބެން އެބަހުއްޓެވެ. އެތަނުން ވިއްކާ ގަހުގެ ތެރޭގައި ކުދި ބަނބުކެޔޮ ގަސް، ފޭރު ގަސް އަދި އަނބުގަހުން ފެށިގެން ތަފާތު ވައްތަރުގެ މާމެލާއި މެލި އެބަހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް