ހައްޖު ވެރިންނަށް ހައްޖު ކޯޕަރޭޝަނުން ކޮފީ އާއި ޕެނަޑޯލް ވިއްކުމުން ޖަވާބުދާރީވާން ޖެހިއްޖެ

1443 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ މީހުންނަށް ހައްޖު ކޯޕަރޭޝަނުން ކޮފީ އާއި ޕެނަޑޯލް ވިއްކުމުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހިއްޖެ އެވެ. މިކަން މައްސަލައަކަށް ހަދައި އިސްލާމިކް މ...

18 Oct 2022 | 05:34

1443 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ މީހުންނަށް ހައްޖު ކޯޕަރޭޝަނުން ކޮފީ އާއި ޕެނަޑޯލް ވިއްކުމުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހިއްޖެ އެވެ.

މިކަން މައްސަލައަކަށް ހަދައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ސުވާލު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ)އެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ޖަވާބު ފޮނުއްވީ ލިޔުމުންނެވެ.

އެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ސުވާލާއި ގުޅިގެން ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. ހޯދި މައުލޫމާތުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ގޮސް ތިބި މީހުން ތިބި ހޮޓަލުގައި ކޯޕަރޭޝަނުން ކޮފީ އާއި ޕެނަޑޯލް ވިއްކާފައިވާކަމަށް ބުނެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޯޕަރޭޝަނުން އެ ދެ ހިދުމަތް ދިނީ ގަވައިދާ ހިލާފަށް ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ. އެއީ ހައްޖުވެރިންގެ ޕެކޭޖު ތެރޭގައި ހިމެނޭނީ ތިން އިރު ކެއުން ހިލޭ ދޭގޮތަށް ކަމަށެވެ. ކޮފީ ވިއްކާފައިވަނީ ކެއުން ކުރިޔަށްދާ ވަގުތު ނޫން ކަމަށާއި ކޮފީ ވިއްކީ އެ ނޫންވަގުތު ތަކުގައި ބޭނުންވާ މީހުންނަށް ކަމަށެވެ.

ހަމަ އެގޮތަށް ޕެނަޑޯލްވެސް ވިއްކީ ސިއްހީ ފަރުވާގެ ބޭރުން ޕެނަޑޯލް ބޭނުންވާ މީހުން އެކަމަށް އެދުމުން ކަމަށެވެ.

ޑރ. ޒާހިރު ވިދާޅުވީ އެ މައްސަލައިގަ ހައްޖަށް ދިޔަ އެއްވެސް ފަރާތަކުން އެ މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށެވެ.

މީގެ ކުރިން މެމްބަރު ބޮންޑާ ވަނީ މިއަހަރު ހައްޖަށް ދިޔަ މީހުންނަށް އެހީވާން މިނިސްޓްރީން ބޭނުން، އަދާލަތު ޕާޓީގެ މީހުން ގެންދިޔަ ކަމަށްބުނެވެސް ސުވާލެއް ކޮށްފައި އެވެ. އެ ސުވާލަށް ޖަވާބު ދެމުން މިނިސްޓަރު ވިދާޅުވެފައިވަނީ އެހީތެރިވާން މީހުން ހޮވީ އެކަމަށް ހުޅުވާލުމުން ކުރިމަތިލި މީހުންގެ ތެރެއިން ހޮވުނު މީހުން ކަމަށާއި މިނިސްޓްރީން ގެންދިޔައީ އެންމެ މުވައްޒަފެއް ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް