އޮގަސްޓް މަހުން ފެށިގެން ދިވެހިންގެ އެކައުންޓްތައް ދޮވެލި އިރު ކަމާބެހޭ މުއައްސަސާތައް ގަދަ ނިދީގައި !

އޯގަސްޓް މަހުގެ ހަ ވަނަ ދުވަހުން ފަށަމާ ހިނގާށެވެ. އެމްވީ ކްރައިސިސް ޓެލެގްރާމް ޗެނަލްގައި ކުރި ޕޯސްޓެއްގައި އޮތީ "އަލަމްގިރި ޖިންސީ ގުޅުން ހިންގާ ވީޑިއޯގެ ލިންކު ކަމަށްބުނެ ފޯނު ހެކް ކުރުމަށް ލިންކު ...

18 Oct 2022 | 00:42

އޯގަސްޓް މަހުގެ ހަ ވަނަ ދުވަހުން ފަށަމާ ހިނގާށެވެ. އެމްވީ ކްރައިސިސް ޓެލެގްރާމް ޗެނަލްގައި ކުރި ޕޯސްޓެއްގައި އޮތީ "އަލަމްގިރި ޖިންސީ ގުޅުން ހިންގާ ވީޑިއޯގެ ލިންކު ކަމަށްބުނެ ފޯނު ހެކް ކުރުމަށް ލިންކު ތަކެއް ފޮނުވަން ފަށައިފި"ކަމަށެވެ.

އެ ލިންކު ހިމަނާކަށް ނެތީމެވެ. އެ ލިންކު ނިސްބަތްވާ މެއިން ޑޮމައިން އަކީ (ކެސިބަލް) އެވެ. ފުރިހަމަ ޔޫއާރުއެލް ނުގެނައީ އަދިވެސް އެ ލިންކުތަކުން ގެއްލުން ވެދާނެކަމަށް ބަލާފައެވެ.

އެ ލިންކު ސާޗު ކޮށްލާއިރު އެ ލިންކު އެކަނި މެދުވެރިކޮށްވެސް އެތައް ސަތޭކަ ދިވެއްސެއްގެ ފޭސްބުކް އެކައުންޓް ކޮމްޕްރޮމައިޒްކޮށްފައިވާކަން އާދައިގެ ފޭސްބުކް ސާޗަކުންވެސް ފެންނަން އޮންނާނެއެވެ. ދިވެހިންގެ އެކަންޏެއް ނޫނެވެ. އެތައް ގައުމެއްގެ އެތައް ރައްޔިތުންނެއްގެ އެކައުންޓްތަކެވެ.

ދެން އެއަށްފަހު ސެޕްޓެމްބަރު ނުވައެއްގައި އައީ (އޮޕްޓިމީ) އެވެ. މި ޑޮމެއިންގެވެސް ފުރިހަމަ ޔޫއާރްއެލް މި ނުހިމަނަނީ ސަލާމަތަށްޓަކައެވެ.

އޮގަސްޓުން ސެޕްޓެމްބަރަށް ކެސިބަލް، ސެޕްޓެމްބަރުން އޮކްޓޯބަރަށް އޮޕްޓިމީ އަދި އެއަށްފަހު ނުވައެއް އޮކްޓޯބަރުން ފެށިގެން (އިޤްލާ) އެވެ. މިހާރު ފަތުރަމުންދަނީ އިޤްލާ އެވެ.

ކިހިނެއް ހިނގާކަމެއް !؟

މިއީ ކިހިނެއް ހިނގާ ކަމެއްތޯ ބަލައިލާއިރު އެންމެ އާދައިގެ ބަހުން ނަމަ ކުރިއަށް ގެންގޮސްފައިއެވަނީ ޓެކް ބަހުން ބުނާނަމަ "ފިޝިންގ" މެތަޑެވެ. އައިޑެންޓިޓީ ތެފްޓް ކުރުމެކެވެ. ދިވެހިން ބުނާނަމަ އޮޅުވާލުމެއްގެ ތެރެއިން ލޮގިން ފޯމެއްގައި ތިމާބެ ޑާޓާތައް ލިޔުއްވައިގެން އެ ޑާޓާތައް ހެކަރުންގެ އަތްދަށަށް ގެންދިއުމެވެ.

ސިނާރިއޯއަކަށް ވިސްނާނަމަ، އަލަމްގިރީގެ ވާހަކަތަކުގެ ތަފްސީލާ ވީޑިއޯ ހުރިކަމަށް ބުނެ ލިންކެއް، ޝިއާއު އަދި އަޒްހާންގެ މަރާ ގުޅޭ އެތައް ވާހަކަތަކެއް ހުރިކަމަށްބުނެ ލިންކެއް، ކަޅުވަކަރު މިސްކިތުގައި އަންހެނަކު ސިހުރު ހާހޫރު ހަދާ ވީޑިއޯ ފެންނާނެކަމަށް ބުނެ ލިންކެއް، ޝިފާގެ ތަގަރީގެ ވީޑިއޯތައް ފެންނާނެކަމަށް ބުނެ ލިންކެއް، މިހެން ގޮސް ބަޔަކު "ގުނބޯ" ހެއްދޭނެ ހުރިހާ ދިމަދިމާއަކުން އެ ލިންކުތައް ދިޔައީ އަޅަމުންނެވެ. އެއިން ކޮންމެ ލިންކެއްގެ ފަހަތައް އަންނަ ކޯޑު ތަފާތުވިނަމަވެސް މައި ޑޮމެންއިންގެ ގޮތުގައި ގެންގުޅުނީ އެއް ޑޮމެއިންއެއްކަން އަހަރެމެންނަށް ކިރިޔާވެސް ހިލަމެއްވީ "އިޤްލާ" އާއި ހަމައިންނެވެ. ހުދު އަހަންނަށްވެސް އެކަން ރޭކާލީ، ވީޓީވީގެ ނޫސްވެރިޔާ ޒިދާން ކޮށްފައިވާ ޓްވީޓެއް ފެނިގެންނެވެ.

އެއަށްފަހު އޮންލައިން ސްކޭމްގެ މި ފުން ކަނޑަށް ފީނަން ފެށުމުން ފެންމަތިވި ކަންތައްތަކުން ހާމަވި ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.

  • މި ލިންކުތައް ފަތުރަމުންދިޔައީ ހަމަ އެކަނި ރާއްޖެއަށް ބިނާކޮށް ނޫންކަން
    • ރާއްޖެ
    • އިންޑިއާ
    • ލީބިޔާ
    • ސައުތު އެފްރިކާ
    • ނައިޖީރިއާ
    • އަދި އެމެރިކާއަށްވެސް އަމާޒުވިކަން
  • މި ލިންކުތަކުގެ ފަހަތުގައިވާ އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ޖާވާސްކްރިޕްޓް (ވިއު.ޖޭއެސް) ފްރޭމްވޯކްގައިކަން
  • މި ޒާތުގެ ސްކޭމެއްގެ އިންޒާރު ސައިބަރ ސްކޭމް ޕްރޮފެޝަނަލުން މި އަހަރުގެ ޖޫންގައި ދީފައި އޮތްކަން
  • ދިވެހިންގެ ބަޔަކުވެސް މީގެ ތެރޭގައި ވާކަން
    • އެއީ ކޮން ބައެއްކަން ހަމަ އެއްގޮތަކަށްވެސް ހޯދޭ ގޮތެއް ނުވިއެވެ. އެކަން ވިޔަސް ވާނީ ސަލާމަތީ ހިދުމަތްތަކަށެވެ.
    • ދިވެހިންގެ ބައިވެރިވުން އޮތްކަން އެނގޭ އެއް ސަބަބަކީ އެހެން ގައުމުތަކުގައި މި ސްކޭމް ލިންކުތައް ފެތުރިގޮތާ ރާއްޖޭގައި މި ލިންކުތައް ފަތުރާލި ގޮތުގެ ޕެޓާން ތަފާތުވުމާއި ސީދާ ސާފު ދިވެހި ބަސް ވަރަށް ގިނައިން ބޭނުންކޮށްފައި ހުރިކަން އެނގެން ހުރުމުންނެވެ.

މި ސްކޭމްތައް އެހެން ގައުމުތަކުގައި ހިންގާފައި ހުރީ ކިހިނެއް !؟

ކުރިންވެސް ފާހަގަކޮށްފައިވާނެ ފަދައިން ލީބިޔާ، ސައުތު އެފްރިކާ، ރާއްޖެ، އިންޑިއާ އަދި އެމެރިކާއަށްވެސް ނިސްބަތްވާނޭހެން ހަމަ އޯގަސްޓުން ފެށިގެން މި ސްކޭމް މިގޮތަށް ހިންގާފައި އެބަ ހުއްޓެވެ. ގުނބޯ ހައްދަން ބޭނުންކޮށްފައިވާ އުކުޅުތައްވެސް ހަމަ ދާދި އެއްގޮތެވެ.

މިސާލަކަށް ނައިޖީރިޔާ ނަގާނަމަ، އެގައުމުގެ ބޮޑު ޕޭޖެއްގައި ލިޔެފައި އޮންނަ ޕޯސްޓެއްގައި ބުނަނީ އަސްކަރިއްޔާއަށް ހޮވުނު މީހުންގެ ލިސްޓު ތިރީގައިވާ ލިންކުން ފެންނާނެކަމަށެވެ. ދެން އެ ލިސްޓެއް ބެލުމުގައި އަވަސް އަރައިގަނެ އެ ލިންކަށް ވަދެ، ލިންކުގައި ތިމާގެ އަމިއްލަ އީމެއިލްއާއި ޕާސްވޯޑް ޖަހައި ހެކަރުންނަށް އެ މައުލޫމާތު ހިއްސާ ކުރެވެނީއެވެ.

ބޭންކް އެކައުންޓަށް ދާންދެން އެ ދޮވެލަނީ ކިހިނެއް ؟

އެފަދަ ފޯމެއްގައި އަހަރެމެން ލިޔަނީ އަހަރެމެންގެ ރަސްމީ އީމެއިލް އެޑްރެސް އާއި ޕާސްވޯޑުކަމަށްވާނަމަ ދެން ހެކަރުން އިތުރަށް ބޭނުންވާނެ އެއްޗެއް ނޯންނާނެއެވެ. ޓޫއެފްއޭ އޮތެންޓިކޭޝަނާއި އޯޓީޕީ އޮޕްޝަން އައުޓްކޮށްލުމަކީ ހެކަރުންނަށް ފެންމެޓައެވެ. އެކަން ގޫގަލް ކޮށްލުމުން އެނގި ހާމަވާނެއެވެ. އަދި ނުވިތާކަށް އަހަރެމެން ގެންގުޅޭ ނޯޓްޕެޑްތަކާ، ޕާސްވޯޑް ރައްކާކުރަން ބޭނުންކުރާ އެޕްސްތަކާ މިހެންގޮސް ހުރިހާ ހިދުމަތެއް ގުޅިފައި ހުންނަނީ އަހަރެމެންގެ ރަސްމީ އީމެއިލްތަކާއެވެ.

ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލަކީ ކޮބާ !؟

އެ ފަރާތްތަކުގެ އިހުމާލަކީ މިކަން ފުރަތަމަ ސްޓޭޖްކަމުގައިވާ "ކެސިބަލް" އާއި ހަމައިން ދެނެ ނުގަނެވުނު ކަމެވެ. ދެނެގަނުވުނު ނަމަ، ކެސިބަލްގެ ފުރަތަމަ ލިންކާއި ހަމައިން އެ ކެސިބަލް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ބްލޮކް ކޮށްލެވުނީހެވެ. އަދި އެއަށްފަހުން ފެތުރި "އޮޕްޓިމީ"ވެސް ބްލޮކް ކޮށްލެވުނީހެވެ. ރާއްޖެއަށް ނުފެންނާނެހެން މިހާރުވެސް އެތައް ވެބްސައިޓެއް ޓޭމް އިން ބްލޮކްކޮށްފައި ހުންނާނެއެވެ. އެހެންކަމުން މިކަންކަން ފާހަގަ ކުރެވި ދުރާލާ ފިޔަވަޅު އެޅުނު ނަމަ މި ތިން ވެބްސައިޓްގެ ޑޮމައިންވެސް ބްލޮކް ކޮށްލެވުނީހެވެ. އެތައް ދިވެހިންގެ އެކައުންޓްސް (ފޭސްބުކް، އީމެއިލް، ބޭންކް ޑީޓެއިލްސް) ސަލާމަތް ކުރެވުނީހެވެ.

މި އާޓިކަލް ލިޔެ ޕަބްލިޝްކުރާއިރު އަދިވެސް އެ ތިން ވެބްސައިޓަށްވެސް އެކްސެސް އެބަ ވެވެއެވެ. އަދިވެސް ސްކޭމް އެދަނީ ހުއްޓުމެއްނެތި ކުރިއަށެވެ. އެހެންނަމަވެސް މިހާރުވެސް އަވަސް ފިޔަވަޅުތަކެއް އަޅައިފިނަމަ އަދިވެސް ބައެއްގެ އެކައުންޓްތައް ސަލާމަތް ކުރެވިދާނެއެވެ.

އެބަޔަކު ސަލާމަތީ ހިދުމަތްތަކަށް އަތުލައިގަނެވިދާނެތަ ؟

މިކަމުގައި ރާއްޖޭގެ ބަޔަކުވެސް އެބަ ހިމެނޭކަމަށް ވަރަށް ބޮޑަށް ބެލެވޭއިރު، ރާއްޖޭގައި ބަޔަކު ވާނަމަ އެ ބަޔަކު އަތުލައިގަތުމުގެ ފުރުސަތު އޮވެދާނެއެވެ. އެހެންނަމަވެސް މި ބޭނުންކުރި މެތަޑަކީ ފިޝިންގް ކުރުމުގައިވެސް "އަން ޓްރޭސެބަލް ފިޝިންގ ކެމްޕޭންތަކެއް" ކަމުން ސީދާ މުގޫ ހޯދިދާނެކަމަށް ނުބެލެވެއެވެ. އެއީ ބެލެވޭގޮތުގައި ފިޝިންގެ މި މޮޑެލް އެލާޓު ނެރުނު ކްލައުޑް ޑެސްކުގެ ވައިޓްޕޭޕާގައި އެފަދަ އިޝާރާތެއް ކޮށްފައިވެއެވެ.

ދެން މިފަދަ ކަމެއް ވިޔަ ނުދިނުމަށް ކުރެވޭނީ ކީއް ؟

ކެސިބަލް، އޮޕްޓިމީ، އަދި އިޤްލާއަށްފަހުވެސް ހަމަ މި މެތަޑް ދިވެހިންގެ މައްޗަށް ބޭނުންކުރަން މަސައްކަތްކޮށްފާނެއެވެ. އެއީ ދުރުގައިވާކަމެއް ނޫނެވެ. އެހެންނަމަވެސް އަހަރެމެންނަށް ދެން ކުރެވިދާނެ ކަމަކީ އަވަހަށް އެ ސައިޓެއް ޓޭމް މެދުވެރިކޮށް ބްލޮކް ކޮށްލުމެވެ. ނަމަވެސް އެކަން ވާނީ ކަމާބެހޭ އިދާރާތަކުން މިކަން ކުރަން ބޭނުމިއްޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް