ޓިކްޓޮކަކީ ކޮމިއުނިސްޓް ޕްލެޓްފޯމެއް ކަމަށާއި އެ އެޕް ވަގުތުން ވަގުތަށް ބޭން ކުރަން ޖެހޭކަމަށް އެމެރިކާގެ ކުރީގެ ނައިބްރައީސް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ކުރީގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވީ އެމެރިކާއިން ޓިކްޓޮކް ބޭން ކުރަން ޖެހޭ ކަމަށާއި އެއީ އެމެރިކާ ސަރުކާރަށް ނޭނގި އެގައުމުގެ މައުލޫމާތު ޗައިނާއަށް ހޯދުމުގެ ފުރުސަތު ދޭ ޕްލެޓްފޯމެއް ކަމަށެވެ.
"ޓިކްޓޮކް މަނާކުރަންވީ. ޓިކްޓޮކަކީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުގެ ޕްލެޓްފޯމެއް. އެމީހުން ކޮންމެ ދުވަހަކު ވެސް އެމެރިކާގެ މީހުންގެ ޑޭޓާ އެއްކުރަމުން ދަނީ،" ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޕެންސް ވިދާޅުވި އެވެ. "އެމެރިކާގެ ޒުވާނުން ނަށް އެމީހުންގެ ޕްރައިވެސީ އަށް އުނިކަން އަންނަކަން އެނގެން އެބަ ޖެހެ އެވެ."
ޕެންސް މިހެން ވިދާޅުވެފައި މިވަނީ ޗައިނާއާ ބެހޭ ގޮތުން ހޯމަ ދުވަހު ދެއްވާ ޕޮލިސީ ސްޕީޗްގެ ކުރިންނެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ ގުޅުމަށް 2024 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. ޕެންސް ހިމެނޭ ގޮތަށް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުން ވަނީ ރައީސް ޖޯ ބައިޑަން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން، ގިނަ މައްސަލަތަކެއްގައި ބެއިޖިންއާ އެކު ހަރުކަށި ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ޕެންސް ވަނީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ވާދަކުރައްވާ ވިޔަފާރިވެރިޔާ ވިވެކް ރާމާސްވާމީއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.
"އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ އެއް ވާދަވެރިޔާ، ރިޕަބްލިކަން ޕްރައިމަރީގައި ވިވެކް ރާމާސްވާމީ، ޓިކްޓޮކް އަކީ އެމެރިކާގެ ޒުވާނުންގެ ޑިޖިޓަލް ފެންޓަނައިލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވީ ވަރަށް ރަނގަޅަށް ކަން، އަދި މި ހަފުތާގައި އޭނާ ޓިކްޓޮކަށް ސޮއިކުރިކަން. އޭނާ ބުނީ އެމީހުންގެ އެގްޒެކެޓިވްއަކާ ބައްދަލުކޮށް އެ މީހުން އޭނާގެ ވިސްނުން ބަދަލުކުރި ކަމަށް،" ޕެންސް ވިދާޅުވި އެވެ. "އެމީހުންނަކަށް ދުވަހަކުވެސް އަހަރެންގެ ވިސްނުމެއް ބަދަލެއް ނުކުރެވޭނެއެވެ."
ޓިކްޓޮކްގެ މައްސަލާގައި ހިނގަމުންދާ ހަނގުރާމައަކީ އެމެރިކާއާއި ޗައިނާގެ ޓެކްނޮލޮޖީގެ އެދުންތަކާ މެދު އުފެދިފައިވާ ނުތަނަވަސްކަމުގެ އެއް އަސާސެވެ. ޗައިނާގެ އަސްކަރިއްޔާއަށް އެހީވުމަށް އެ ޓެކްނޮލޮޖީ ބޭނުން ކުރެވިދާނެ ކަމުގެ ބިރު އޮތުމުން ބައިޑަން ވަނީ އެޑްވާންސް ޗިޕްމޭކިން ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުން މަދުކޮށްފަ އެވެ. އޭގެ ބަދަލުގައި ޗައިނާއިން ވަނީ އެމެރިކާގެ ޗިޕް އުފައްދާ މައިކްރޯން ޓެކްނޮލޮޖީ އިންކްގެ އުފެއްދުންތައް ވިއްކުމުގެ ގާބިލުކަން އިތުރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް