އެފްރިކާއިން ދަނީ ފައިދާ ހުރި މައިނިން ދާއިރާގައި، ހާއްސަކޮށް މަދުން ނޫނީ ނުފެންނަ އާތު މިނަރަލްސް ދާއިރާގައި ޗައިނާގެ ޝިކާރަވެރި އާދަތަކާ ދެކޮޅަށް ތެދުވަމުންނެވެ.
ވަސީލަތްތަކުގެ މުއްސަނދިކަން ލިބިފައިވާ އެފްރިކާގެ ބޮޑެތި ގައުމުތަކުން ދަނީ ބެއިޖިންއާ ދެކޮޅަށް ވަކާލާތު ކުރަމުންނެވެ. އެފްރިކާގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ނައިޖީރިއާގައި މިދިޔަ އޮގަސްޓް މަހު ވަނީ ގަވައިދާ ހިލާފަށް ޗައިނާގެ ބައެއް މައިނިން އޮޕަރޭޝަންތައް މެދުކަނޑާލައިފަ އެވެ. ނައިޖީރިއާއިން މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ވަނީ ޗައިނާގެ މައިނިން ފާމެއް ކަމަށްވާ ރުއިޓައި މައިނިން ކުންފުނީގެ ހިންގުން ހުއްޓާލާފަ އެވެ.
ޗައިނާގެ މައިނިން ކުންފުންޏެއް ކަމަށްވާ ޝިންފެންގް އިންވެސްޓްމަންޓުން ލިތިއަމް ހޯދުމުގެ ލައިސަންސް ހޯދުމުގައި ބައިވެރިވިކަން ސާބިތުވުމުން މިދިޔަ މެއި މަހުގެ ކުރީކޮޅު ނެމީބިއާ އިން ވަނީ އެ ކުންފުނީގެ ލައިސަންސް ބާތިލްކޮށްފަ އެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އިން ދެކުނު ކިވޫގައި ގަވައިދާ ހިލާފަށް ރަނާއި އެހެނިހެން މިނަރަލްސް ހިއްކުމުގައި ބައިވެރިވި ކަމަށް ބުނެ އެ ކުންފުނީގެ އޮޕަރޭޝަންތައް ވަނީ މެދުކަނޑާލައިފައެވެ. ޑީއާރުސީގައި ޗައިނާގެ މަސްލަހަތަށް ދިން ހަމަލާގެ އެންމެ ފަހުގެ ހާދިސާގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު އެ ގައުމުގެ އުތުރުއިރުމަތީ ސަރަހައްދުގައި ހަތިޔާރު އެޅި ފޭރުން ތަކެއް ރަނު އުފުލާ މައިނިން ގާފިލާއަކަށް ދިން ހަމަލާއެއްގައި ޗައިނާގެ ދެ މީހަކު ވަނީ މަރުވެފަ އެވެ.
ފަހަކަށް އައިސް އެފްރިކާގައި ތިބި ޗައިނާ ގެ ރައްޔިތުންނަށް ހަމަލާދިނުން ވަނީ އާންމުވެފަ އެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި 2023 ވަނަ އަހަރުގެ މާޗް މަހު ހަތިޔާރު އެޅި ބަޔަކު ރަނުގެ މައިނިން ފާމެއްގައި މަސައްކަތް ކުރާ ޗައިނާގެ ނުވަ މީހަކު ވަނީ މަރާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް