ދިވެހިރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެވަޑާއިގެންފިއެވެ.
ނަޝީދު ބޭނުންފުޅުވަނީ، މިހާރު އޮތް ރިޔާސީ ނިޒާމުގެ ބަދަލުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށެވެ. އަދި އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދު އެކުވާނީ ބަރުލަމާނީއަށް ތާއިދު ކުރާ ބަޔަކާ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.
އެކަމާ ގުޅޭގޮތުން އިދިކޮޅު ޕީޕީއެމްއާ މަޝްވަރާ ކުރުމުން އެޕާޓީން އެގޮތަށް ގަބޫލެއް ނުވިއެވެ. އޭގެ ފަހުން ނަޝީދު މަސައްކަތް ކުރެއްވީ، ޖަލުގައި ހުންނެވި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލު ކުރައްވާށެވެ. ނަމަވެސް ނިޒާމު ބަދަލު ކުރުމަށް ޝައުގުވެރިކަން ނެތުމާއެކު ޔާމީން ވަނީ އެ ބައްދަލުވުމަށް އިންކާރު ކުރައްވާފައެވެ.
ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ގިނަ އެކްޓިވިސްޓުން ބުނަމުން ދަނީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރަން ބޭނުން ނުވާ ކަމަށެވެ.
ނަމަވެސް ނަޝީދު ވަނީ ރައީސް ސޯލިހާ ބައްދަލު ކުރައްވައި، ނިޒާމު ބަދަލު ކުރުމުގެ މަޝްވަރާ ކުރައްވާފައެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، އެކުގައި ކުރިއަށް ދެވިދާނެ ގޮތަކާމެދު ނަޝިދުއާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ނިޒާމު ބަދަލު ކުރުމުގެ ވޯޓެއް މި މަހުގެ ތެރޭގައި ނެގުމަށް އެ ޕާޓީން އެދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އެފަދަ ވޯޓެއް ނެގުމަކީ އެހަ 'ޕްރެކްޓިކަލް' ކަމެއް ނޫން ކަމަށް ނަޝީދަށް ދަންނަވާފައި ވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އިންތިހާބުގެ ދެވަނަ ބުރަށްފަހު، ނިޒާމީ ވޯޓެއް ނަގާނެ ދުވަސް ކަނޑައަޅާނެ ކަމަށް ނަޝީދަށް ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު މަޖިލީހުގަ ގަރާރެއް އެބަ އޮތް ދެއްތޯ، ނިޒާމީ ވޯޓު ނެގުމާ ބެހޭގޮތުން. އަޅުގަނޑު ދެންނެވިން އެ ފާސްކޮށްފަ އަޅުގަނޑަށް ފޮނުވާށޭ، ފޮނުވީމަ އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަސް ލިޔުމަކުން ރިކުއެސްޓް ކުރާނަމޭ، މިވެނި ތާރީހެއްގަ އެ ވޯޓު ނަގައިދޭން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ނޮވެމްބަރު17 ގެ ކުރިން ނިޒާމާ ބެހޭ ވޯޓު ނަންގަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް