ނޭގުމުގައި ރީ-ރަޖިސްޓްރީ ކުރާ ކަމުގެ ތުހުމަތަށް އިލެކްޝަންސް ކޮިމޝަން (އީސީ) އިން ރައްދު ދިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދަޅުވީ، ރީ-ރަޖިސްޓްރީ ކުރާ ފޯމެއް ހުށަހަޅައިގެން ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނޫން ގޮތަކަށް އެއްވެސް މީހަކު ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.
އަދި ރީ-ރަޖިސްޓްރޭޝަންގައި މައްސަލަ އުޅޭކަމަށް ވާނަމަ އީސީ އަށް މައްސަލަ ހުށަހެޅުމުން ފޯމުގެ ކޮޕީ ނުވަތަ ޕޯޓަލް އިން އެދިފައިވާކަން ބަލައިދެވޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
"ރީ-ރަޖިސްޓްރޭޝަން ގެ މަސައްކަތް ނިމި، ލިސްޓު ޢާންމުކޮށް ޝަކުވާ އަށް ދެ ދުވަހުގެ މުއްދަތަށް ހުޅުވައިލެވޭނެ. ލިސްޓު އީސީގެ ވެބްސައިޓުން ފެންނާނެ. ކެންޑިޑޭޓުންނާއި، މަސްލަޙަތު އޮތް ޕާޓީތަކާއެކު ލިސްޓު ޙިއްސާ ކުރެވޭނެ. ގޯހުން ކަމެއް ހިނގާފައިވާނަމަ، އެކަމެއް އީސީން އިސްލާޙް ކޮށްދޭނެ" ހަބީބް ވިދާޅުވިއެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބަޔަކު ރީ ރަޖިސްޓަރ ވެފައި ވުމުން ދެ ޕާޓީއަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަމާ މެދު ސުވާލު އުފައްދާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް، ތިން ދުވަހުގެ ތެރޭގައި 47 ހާސް މީހުން ރީ-ރަޖިސްޓްރޭޝަނަށް ހުށަހަޅާފައި ވާކަމަށް އީސީން ބުނެއެވެ.
އީސީން ބުނީ، ރިޔާސީ އިންތިހާބު ގެ ފުރަތަމަ ބުރުގައި، 42867 މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅިއިރު، ދެވަނަ ބުރުގައި 47 ހާހަށްވުރެ ގިނަ މީހުންވަނީ، ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށެވެ.
މީގެ ތެރެއިން، 19 ހާހަށް ވުރެ ގިނަ ފޯމު ވަނީ އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައި ވާއިރު 27 ހާހަށް ވުރެ ގިނަ ފޯމު ގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އީސީން ބުންޏެވެ. އަދި ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ ކަމަށާއި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ޙިއްޞާ ކުރާނެ ކަމަށް އީސީން ބުންޏެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަންގެ އަދަދާމެދު ސުވާލު އުފެދި، އެ ލިސްޓު އާއްމު ކުރަން ދަ ޑިމޮކްރެޓްސްއިން އިއްޔެ ވަނީ އީސީއަށް ގޮވާލާފައެވެ.
ޑިމޮކްރެޓްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރީ-ރަޖިސްޓާރ ކުރަން ތަރުހީބު ކުޑަ ވުމުން، އެކަމަށް އޮތް މުހުލަތު މީގެ ކުރިން އީސީއިން އެއްފަހަރަށްވުރެ ގިނަ ފަހަރު އިތުރު ކޮށްދީފައިވާ ކަމަށެވެ.
އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ބޭނުން ކޮށްފައި ވަނީ ސިއްސައިގެންދާހާ މަދު ބަޔަކު ކަމަށް ޑިމޮކްރެޓްސްއިން ބުންޏެވެ.
އެހެންކަމުން ދެވަނަ ބުރަށް ރީ-ރަޖިސްޓަރ ކުރަން ހުށަހެޅި ހުށަހެޅުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ޑިމޮކްރެޓްސްއިން އީސީއަށް ގޮވާލިއެވެ.
ރީ-ރަޖިސްޓްރޭޝަންގެ މައްސަލަ ބޮޑުވެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އިއްޔެ އީސީއަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް