އިއްޔެ ހުޅުމާލެއިން ފެނުނީ މުއިއްޒުގެ ވެރިކަމެއްގައި ރާއްޖެ އޮންނާނެ ގޮތުގެ މަލަމަތި: މާރިޔާ

އިއްޔެ ހުޅުމާލެއިން ފެނުނީ، ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރާއްޖެ އޮންނާނެ ގޮތުގެ މަލަމަތި ކަމަށް 'އިބޫ-އަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ މިހެން ވިދާޅުވީ...

18 Sep 2023 | 06:54

އިއްޔެ ހުޅުމާލެއިން ފެނުނީ، ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރާއްޖެ އޮންނާނެ ގޮތުގެ މަލަމަތި ކަމަށް 'އިބޫ-އަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، އިއްޔެ ކެމްޕޭނަށް މެޑަމް ފަޒުނާ އަހުމަދު ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެންންނެވުމުން ބަޔަކު ދިމާކޮށްލި މައްސަލަ ފެންމަތުވުމާ ގުޅިގެންނެވެ.

މާރިޔާ ވިދާޅުވީ، މިނިވަންކަމާ އެކު ކެމްޕޭން ކުރުމަކީ އެމްޑީޕީއިން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ލިބުނު ހައްގެއް ކަމަށެެވެ. އަދި އެމްޑީޕީއިން ހިޔާ ސަރަހައްދަށް ކެމްޕޭނަށް ދިއުމުން ކަން ކުރާގޮތް ފެނިގެން ގޮސްފި ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރަށް ދެ ކެނޑިޑޭޓުންވެސް ކުރަމުން އަންނަ ކެމްޕޭނުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަހްމަދު އިއްޔެ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަތުމުން ބަޔަކު އެކަމަނާއާ ދިމާކޮށްލުމާ ގުޅިގެން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފަައެވެ.

ފަޒްނާ ވަނީ އިއްޔެ ހުޅުމާލެ ފޭޒް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެން ދޮރުން ދޮރަށް ހިންގެވުމުގެ މަސައްކަތް ކުރައްވާފައެވެ.

ކެމްޕޭނުގެ އެ މަސައްކަތަށް އިދިކޮޅުން ހުރަސްއަޅަން މަސައްކަތްކުރިކަމަށް ޝޯޝަލް މީޑިއާގައި ދައުރުވި ފޮޓޯ ވީޑިއޯތަކުން ފެންނައިރު ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހަމަނުޖެހުން ހިންގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެއް މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި ނަމަވެސް މިހާރު އޭނާ ދޫކޮށްލާފައިވާކަމަށެވެ.

އެކަމަށް އަލި އަޅުވާލައި، ރޭ ށ. ފުނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ސިޔާސީ ކަންކަމުގެ ތެރޭގައި އުޅޭއިރު ހިތްހަމަ ނުޖެހޭ ކަންތައްތައް ކުރާ ފަރާތްތަކާ ދިމާވާނެ ކަމަށެވެ. އެހެން ނަމަވެސް މުޖުތަމައުގެ ތެރޭގައި ދިމާވާ ކަންކަމުގައި އަމަލާ ބަހުން ރީތި މިސާލު ދައްކާ ބަޔަކަށް ވާން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ސިޔާސީ ވާދަވެރިޔާ އަޅުގަނޑުމެންނާ ދިމާލަށް އެއްޗެއް ބުނީ، ނޫނިއްޔާމުން ރުޅި އަންނަ ކަހަލަ ކަމެއް ކުރީ. އެހެން ނަމަވެސް އަޅުގަނޑު ވެގެން ނުވާނެ އެއަށް ރައްދު ދިނުމުގެ ގޮތުން އެ ފަރާތުން އެކަން ކުރި ފެންވަރަށް އަޅުގަނޑުމެން ވެއްޓޭކަށް” މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ައެއަށްވުރެ ރީތި ގޮތުގައި މިސާލު ދައްކަދޭން ޖެހޭނެ. ކަމަށާއި އެ އާދަ އަށަގަންނަވައި ފަށަން ޖެހޭ ކަމަށެވެ.

އިއްޔެގެ ތަޖުރިބާ ހިއްސާކުރައްވަމުން ފަޒްނާ ވިދާޅުވެފައިވަނީ ފޭޒް ދޭއްގައި ދޮރުން ދޮރަށް ހިނގިއިރު ބޮޑު ދެ ފިރިހެނަކު ފުރައްސާރަކުރަމުން ފަހަތުން ހިނގި ކަމަށާއި އެއީ އިދިކޮޅު ކެނޑިޑޭޓަށް ތާއީދުކުރާ ދެމީހެއް ކަމަށެވެ.

“މި ބޮޑު ދެ ފިރިހެނުން ފުރައްސާރަކުރަމުން ނުހިނގިނަމަ އަޅުގަނޑު އެތަނަށް ދިޔަކަންވެސް ގިނަ މީހުންނަށް ނޭނގޭނެ، މި ހުތުރު އަމަލުގެ ސަބަބުން ވީ ފައިދާ” ފަޒްނާ ފޭސްބުކް ސްޓޭޓަސްއެއްގައި ލިޔުއްވާފައިވެއެވެ.

އިތުރަށް ވިދާޅުވެފައިވަނީ ކުރި ފުރައްސާރައިގެ ސަބަބުން ވީ ފައިދާ ކަމަށާއި މީހުން އައިސް ސަލާންކޮށް ގައިގާ ފިރުމާ އެކުގައި ފޮޓޯނަގަން އެދުނު ކަމަށެވެ. ދާން ޝެޑިއުލްކޮށްފައިނުވާ ފްލެޓްތަކަށްވެސް ދާން ދައުވަތު ލިބުނު ކަމަށެވެ.

ފަޒްނާ އިތުރަށް ވިދާޅުވެފައިވަނީ މިއަދު ނިންމާލީ އެހެން މީޓިން އެއް އޮތުމުން ކަމަށާއި އަދި ހިޔާ ފްލެޓް ސަހައްދަށް ޒިޔާރަތްކުރައްވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް